ޖަޕާނުގެ އެހީގައި، މާލޭގެ ތޮށިގަނޑު މަރާމާތުކޮށް އަލުން ހަދަން ސޮއިކޮށްފި

ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ކަނޑުތޮށި މަރާމާތުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރުވުމަށް އެ ގައުމުގެ ކުންފުންޏަކާއެކު ދިވެހި ސަރުކާރުން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ވިދާޅުވީ ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން، ކާރިސާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ސަލާމަތްވުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެޒިލިއެންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް"ގެ އަމަލީ މަސައްކަތުގެ ފުރަތަމަ ފިޔަވަހި ފެށުމަށް ޖަޕާނުގެ ޓޯޔޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓެޑާ އެކު މިއަދު މެންދުރު ފަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމު ސޮއިކުރެއްވިއިރު، ޖަޕާން ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު އިޒާވާ ކަންއެވެ.ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މާލޭގެ އިރުމަތީ ފަރާތުން ރާޅުގަނޑު ސަރަހައްދާއި އުތުރު ފަރާތުން ކާނިވާ ސަރަހައްދާވީ މޫދު ފަޅިއަށް އަންނާނެ ބަދަލުތައް ފެންނަ ކުރެހުންތަކެއް ވެސް އާންމުކޮށްފަ އެވެ.އެ މަސައްކަތުގެ ކޮންސަލްޓަންޓަކީ އޮރިއެންޓަލް ކޮންސަލްޓަންޓްސް ގްލޯބަލް ކޮމްޕެނީ ލިމިޓެޑެވެ. އަދި ކޮންޓްރެކްޓް އަގު 700,000,000 ޖަޕަނީޒް ޔެން (70 މިލިއަން ރުފިޔާ)އަށް އަރަ އެވެ.އެ ކޮންޓްރެކްޓް ހަދައިފައިވަނީ، 487 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.ރާއްޖޭގެ ރަށްތައް ހިމާޔަތް ކުރަން ޖަޕާނުން މީގެ ކުރިން ވެސް ބޮޑެތި އެހީތައް ފޯރުކޮށްދީފައި ވެއެވެ. އެގޮތުން މާލޭގެ ބޭރު ތޮށި މަރާމާތުކުރަން ޖަޕާން ސަރުކާރުން 140،000 ޑޮލަރުގެ ހިލޭ އެހީ ދޭން މިދިޔަ ސެޕްޓެންބަރު މަހު ވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ