ސިވިލް ސަރވިސްގެ ހެދުން އެޅުމުގެ މިންގަނޑަށް މިހާރު ގެނެސްފައިވާ ބަދަލުތަކަކީ، ރައްޔިތުންގެ އަމިއްލަ ދިރިއުޅުމުގެ އެންމެހައި ކަންކަމަށް ނުފޫޒު ފޯރުވުމަށް ކުރެވޭ އިތުރު މަސައްކަތެއް ކަމަށް އެމްޑީޕީގެ ރައީސް އޮނަރަބަލް އަބްދުއްލާ ޝާހިދު ވިދާޅުވެއްޖެއެވެ.
ޝާހިދު ވިދާޅުވާ ގޮތުގައި މިއީ ރައްޔިތުންނަށް ލިބިދީފައިވާ ހައްގުތަކަށް އަރައިގަތުމެކެވެ. ވަކިން ހާއްސަކޮށް، އަންހެނުންނަށް އަމާޒުކޮށް މި ފިޔަވަޅުތައް ބޮޑަށް ހަރުކަށިކޮށްފައި އޮތުމުން ދޭހަވަނީ، އާންމު މައިދާންތަކުން އަންހެނުން ދުރުކޮށް، އެކަނބަލުންނަށް ބިރުދައްކައި ނުފޫޒު ފޯރުވަން މަސައްކަތް ކުރާކަމެވެ.
ގާނޫނުއަސާސީން ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް، ނިޒާމީ ސިފައެއްގައި ހަނިކުރަމުންދާތަން މިއަދު މިދަނީ ފެންނަމުން ކަމަށާއި މިކަން ނިމުމަކަށް އަންނާނެ ދުވަހެއް ފެންނާން ނެތްކަމަށް ޝާހިދު ވިދާޅުވެއެވެ.
ކުރީގެ ހާރިޖީ ވަޒީރު އަދި ތަޖުރިބާކާރު ޕޮލިޓީޝަން އޮނަރަބަލް ޝާހިދު ވިދާޅުވާ ގޮތުގައި ސަރުކާރުގެ ކާމިޔާބީތަކެއްގެ ގޮތުގައި ދައްކާނެ ނަތީޖާއެއް ނެރެވިފައި ނެތްއިރު، އެއްވެސް ދާއިރާއަކުން ފާހަގަކޮށްލެވޭ ފަދަ މާނަހުރި ކުރިއެރުމެއް ފެންނާކަށް ނެތެވެ.
ސަރުކާރު ހިނގަމުން މިދަނީ އެއްވެސް އަމާޒެއް ނުވަތަ ސީދާ މިސްރާބެއް ނެތި ކަމަށާއި ރައްޔިތުންނަށް ދައްކާނެ އެދެވޭ ނަތީޖާއެއް ނެރެދެވިފައި ނެތުމުން، މިފަދަ ބިރުދެއްކުމުގެ އުކުޅުތައް ބޭނުންކުރަން ފެށީ ކަމަށް އޮނަރަބަލް ޝާހިދު ވިދާޅުވިއެވެ.
ސިވިލް ސަރވިސްގެ ހެދުންއެޅުމަށް ގެނައި ބަދަލަކީ ޒާތީ ދިރިއުޅުމަށް ނުފޫޒު ފޯރުވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ