މި ރޯދައިގައި މަޖިލީހުގެ ފުރަތަމަ ޖަލްސާ ބާއްވައިފި, މާދަމާއިން ފެށިގެން އަނެއްކާ ވެސް ބަންދު
ރަމަޟާން މަސް ނިމެން އެންމެ 11 ދުވަހަށް ވެފައި އޮއްވައި، މި ރަމަޟާން މަހު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ މިއަދު ފަށައިފިއެވެ. ވެރިކަންކުރާ ޕީއެންސީގެ ސާފު އަޣުލަބިއްޔަތު އޮންނަ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އެންމެ ފަހުން ބޭއްވީ މިދިޔަ ފެބްރުވަރީ މަހުގެ 17ވަނަ ދުވަހެވެ. އެއީ މިއަހަރުގެ ޝަޢުބާން މަސް ނިމުނު ދުވަހެވެ. އެހެންވެ، 18 ދުވަހުގެ ހުސްކަމަކަށް ފަހު، މިއީ މަޖިލީހުގެ ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި މުއްދަތުގައި މަޖިލީހުގެ ޖަލްސާއެއް ނުބޭއްވި ނަމަވެސް، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީއާއި، ޖުޑީޝަރީ ކޮމިޓީއާއި، ފެނަކައިގެ ޚާއްސަ އޮޑިޓުތައް ދިރާސާކުރާ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއާއި ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވިއެވެ. މިއަދަށްވެސް ހަތަރު ކޮމިޓީއެއްގެ ބައްދަލުވުން ތާވަލުކޮށްފައި އެބައޮތެވެ. މިއަދުގެ ޖަލްސާގެ އެޖެންޑާއަށް ބަލާލާއިރު، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ވަޠަނީ ޚިދުމަތުގެ ބިލަށާއި، ސާބިއާއާއި އޮމާނާއި އަރުމީނިއާއަށް ކަނޑައަޅާ ސަފީރުންނާ މެދު ޚާރިޖީ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓުތަކަށާއި، ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު، ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ނިންމިގޮތުގެ ރިޕޯޓަށް ބަހުސްކުރާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު "ސަން" އަށް ވިދާޅުވިގޮތުގައި މާދަމާ ފަހު 10 އަކަށް ސަރުކާރު ބަންދުވާއިރު އެ ދުވަސްތަކުގައި މަޖިލީހުގެ ޖަލްސާ ނޯންނާނެކަން އަންގާފައިވާ ކަމަށެވެ. އަދި މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ ހަ ރޯދައަށް ފަހުގައި ކަމަށް އެ މެންބަރު ވިދާޅުވިއެވެ. ފާހަގަކުރެވޭ ގޮތުގައި، މި މުއްދަތުގައި ޖަލްސާއެއް ނުބާއްވާއިރު, އަންނަ ލޯކަލް ކައުންސިލު އިންތިޚާބަށް އިދިކޮޅު އެމްޑީޕީއާއި ވެރިކަންކުރާ ޕީއެންސީން ކުރަމުންދާ ކެމްޕެއިންގެ ތެރޭ، ދެ ޕާޓީވެސް ތަމްސީލުކުރައްވާ މަޖިލީހުގެ މެންބަރުން ގެންދަވަނީ ކެމްޕެއިންގައި ހަރަކާތްތެރިވެވަޑައިގަންނަވަމުންނެވެ. ސަރުކާރުގެ މެޖޯރިޓީން މިހާރު ހިންގަމުން އަންނަ މަޖިލީހުގެ މެންބަރުންނަކީ ވަރަށް ބޮޑު މުސާރައެއްގެ އިތުރުން, ގިނަ އިނާޔަތްތަކެއް ދައުލަތުން ފޯރުކޮށްދޭ ބައެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ