ދޯނި ހޯދަން 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލައިފި، އަދި ނުފެނޭ

މ. މަޑުއްވަރިން 3 މީހުންނާއެކު ފަރުމަހަށް ނުކުމެ އުޅުނު "ފަރިހި 2" ނަމަކަށް ދޯނި ހޯދުމަށް ކަނޑާއި ވައިގެ މަގުން މިހާތަނަށް 440 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފިއެވެ.
އެ މީހުން މަހަށް ނިކުމެފައި ވަނީ ރަތްމަންދޫ ބޭރަށެވެ.
މަޑުއްވަރީ ކައުންސިލުންނާއި އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވާ ގޮތުން އެ ދޯނީގައި މަހަށް ނިކުތީ ދެ މީހުންނެވެ.
އެކަމަކު މިއަދު ހެނދުނު އަށެއް ޖެހީހައިރު މީޑިއާ އަށް ފޮނުވި މެސެޖެއްގައި އެމްއެންޑީއެފުން ބުނީ އެ ދޯނިން، މަހަށް 3 މީހަކު ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެއީ ދިވެހި ތިން ފިރިހެނުންނެވެ. އެ މީހުންނާ ގުޅޭ އިތުރު މައުލޫމާތެއް ދީފައެއް ނުވެއެވެ.
ދޯނި ހޯދަން އެމްއެންޑީއެފުން ދަނީ ޑްރޯން ބޭނުންކުރަމުންނެވެ. ހުއްޓުމެއްނެތި ގެއްލުނު ދޯނި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
2024 އޭޕްރީލް 19 ވަނަ ދުވަހުގެ ހަވީރު މ. މަޑުއްވަރިން ދޯންޏެއްގައި މަހަށް ދިޔަ ދެ މީހަކު ހަބަރެއްނުވެ ވީނުވީއެއް ނޭނގި ގެއްލިފައިވާކަމުގެ މަޢުލޫމާތު އެދުވަހުގެ 22:06 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވޭ. pic.twitter.com/F1BTdOveFo
— Maldives Police (@PoliceMv) April 19, 2024
ދޯނި ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 22:06 އެހާކަންހާއިރުއެވެ. އަދި އެއަށް ފަހު ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން އަންނަނީ ދޯނި ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
އެ ދޯންޏާއި އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ކޯސްޓްގާޑަށް ގުޅުއްވައި އެ މައުލޫމާތެއް ހިއްސާކުރަން ފުލުހުން އެދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ