ސްޓެލްކޯއިން ކުރާ ކަމަކުން ބިލު ބޮޑު ކުރެވޭނެ އެއްވެސް މެކޭނިޒަމެއް މިޒަމާނަކު ނެތް: ފަހުމީ

ސްޓެލްކޯއިން ކުރާ ކަމަކުން މި ޒަމާނުގައި ކަރަންޓު ބިލު ބޮޑުނުވާނެ ކަމަށް ސްޓެލްކޯގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ފަހުމީ މިފަދައިން ވިދާޅުވީ މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިގޮތުން ފަހުމީ ވިދާޅުވީ، ސްޓެލްކޯއިން ކުރާ ކަމަކުން ބިލު ބޮޑު ނުވާނެކަން އެއީ އިންޖިނިއަރުން ވެސް އެއްބަސްވާ ކަމެއް ކަމަށާއި، ބިލުކުރަމުންދަނީ ގެތަކުގައި ހުންނަ މީޓަރަށް ކަރަންޓު އަރާވަރުން ކަމަށެވެ. އަދި ސްޓެލްކޯއިން އެ މީޓަރާއި ނުކުޅެވޭނެ ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.
"ސްޓެލްކޯ އަކުންނެއް، ދައުލަތުގެ ކުންފުންޏެއް ވީމައި އަޅުގަނޑުމެން ކުރާ ކަމަކުން ބިލު ބޮޑު ކުރެވޭނެ އެއްވެސް މެކޭނިޒަމެއް މިޒަމާނަކު ނެތް. ދެން އެއީ އިންޖިނިއަރިން ބޭފުޅުން ވެސް އެއްބަސްވާ ކަމެއް. އެހެންވީމަ ގޭގައި ހުންނަ މީޓަރަށް ހަމަ ކަރަންޓް އަރާވަރަކަށް ޖުމްލަ ގޮތެއްގައި ބިލު ކުރަމުން މިދަނީ. އެޔަކަށް އަޅުގަނޑުމެންނަކަށް ކުޅެވޭނެ ކުޅުމެއް ވެސް ނެތް."
ފަހުމީ ވިދާޅުވިއެވެ.
ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި އިންސުލޭޝަން ފަދަ ގޮތް ގޮތަށް ކަރަންޓު ބިލު ކުޑަކުރެވޭނެ ގޮތްތައް ހޯދޭނެކަން ފާހަގަކުރައްވާ ފަހުމީ ވިދާޅުވީ، ޖުމްލަ ގޮތެއްގައި ބިލު ބޮޑު ވަނީ އަހަރަކު ދެތިން މަހު ކަމަށާއި އެހެން މަސްތަކުގައި ބިލު ކުޑަ ވެސް ވާ ކަމަށެވެ.
މިކަމުންވެސް ސްޓެލްކޯ ނުވަތަ ފެނަކަ އިން ބިލު ބޮޑު ނުކުރާކަން ހާމަވާކަމަށް ފަހުމީ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ