މިއަހަރު މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު %12.3 އިތުރު

މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު %12.3 އިތުރުވެއްޖެއެވެ.
މި އިތުރުވުން އައިސްފައިވާކަން ހާމަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީން ނެރޭ ތަފާސް ހިސާބުތަކުގައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސް ހިސާބުތައް ދައްކާގޮތުން ނިމިދިޔަ 2 އަހަރާއި އަޅާބަލާއިރުވެސް މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
މިމަހުގެ 5 ވަނަ ދުވަހާއި ހަމައަށް ރާއްޖެއަށް 798610 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 711،402 ފަތުރުވެރިންނެވެ. އެހެންކަމުން މިއީ %12.3 އިތުރުވުމެކެވެ. 2022 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 604730 ފަތުރުވެރިންނެވެ.
* ޖަނަވަރީ: 192385 ފަތުރުވެރިން
* ފެބްރުއަރީ: 217392 ފަތުރުވެރިން
* މާރޗް: 194227 ފަތުރުވެރިން
* އޭޕްރީލް: 168647 ފަތުރުވެރިން
* މެއި މަހުގެ 5 ވަނަ ދުވަހާއި ހަމައަށް: 25959 ފަތުރުވެރިން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6338 ފަތުރުވެރިން އާދެއެވެ.
* ޗައިނާ: 87،566 ފަތުރުވެރިން
* ރަޝިއާ: 80،698 ފަތުރުވެރިން
* އިނގިރޭސިވިލާތް: 77،273 ފަތުރުވެރިން
* އިޓަލީވިލާތް: 71،693 ފަތުރުވެރިން
* ޖަރުމަނުވިލާތް: 62،365 ފަތުރުވެރިން
ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނައިރު ރާއްޖެއިން ދަނީ ފަތުރުވެރިކަމުގެ ދާއިރާއިން ގިނަ އެވޯޑްތަކެއް ހޯދަމުންނެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް އިންޑިއަން އޯޝަންސް ކެޓަގަރީގައި ރާއްޖެއިން ވަނީ ޝަރަފުވެރި 4 ކެޓަގަރީ އަކުން އެވޯޑް ޙާސިލްކޮށްފައެވެ.
އޭގެތެރޭގައި ހިމެނެނީ އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން، އިންޑިއަން އޯޝަންސް ލީޑިން ގްރީން ޑެސްޓިނޭޝަން އަދި އިންޑިއަން އޯޝަންސް ލީޑިން ޑައިވް ޑެސްޓިނޭޝަން ގެ އެވޯޑެވެ. މީގެއިތުރުންވެސް ރާއްޖެއިން ވަނީ ދުނިޔޭގެ އެހެން ބައެއް ޝަރަފްވެރި އެވޯޑްތައްވެސް ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ