ބޯންމެރޯ ހަދަން ބޭރަށް ފޮނުވި ދެ ޕޭޝެންޓެއްގެ އޮޕަރޭޝަން ވަނީ ކާމިޔާބުކަމާއެކު ނިމިފަ - ވަޒީރު ޑރ.ޚަލީލް

ސަރުކާރުން ހިލޭ، ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރުގައި ތިބި 5 ކުދިންގެ ތެރެއިން 2 ކުދިންގެ އޮޕަރޭޝަން ކާމިޔާބުކަމާއެކު ނިމިފައިވާ ކަމަށް ޞިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ބައިނަލްއަޤްވާމީ ތެލެސީމިއާ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ބޯންމެރޯ ހެދި ދެ ބަލި މީހުންގެ އޮޕެރޭޝަންވެސް ކާމިޔާބުކަމަށާއި، އެމީހުންގެ ޙާލު ވެސް ރަނގަޅު ކަމަށެވެ. އަދި ބާކީ ތިބި ތިން ކުދިންގެ އޮޕަރޭޝަންގެ ކަންތައްތައް ވެސް ވަރަަށް އަވަހަށް ފެށިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
''އެ ދެބޭފުޅުންގެ ސިއްހަތު ވަރަށް ރަނގަޅު މިހާރު ވާނީ ފަރުވާއަށް ފަހުގައި އިތުރު އޮބްޒަވޭޝަންއަށް ދޫކޮށްލާފައި،'' 
ސިއްޙަތާބެހޭ ވަޒީރު ޑރ. ޚަލީލް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ މިއަހަރުގެ ތެރޭގައި 10 ކުދިންގެ ބޯންމެރޯ ޓްރާންސްޕްލާންޓް ސަރުކާރުން ހަދާނެ ކަމަށެވެ. އެގޮތުން އަހަރުގެ މެދު ތެރޭގައި 5 ކުދިންގެ ބޯންމެރޯ ހެއްދުމަށް ނިންމާފައިވާއިރު، އަހަރުގެ ފަހު ކޮޅުގައިވެސް 5 ކުދިން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ގިނަ އަދަދަކަށް ތެލިސީމިއާ ހުންނަ ފަރާތްތަކުން އުޅޭއިރު، ތެލަސީމިއާ އަށް ފަރުވާ ހޯދާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް ހަރުދަނާކުރުމާއެކު، ހިލޭ ބޯންމެރޯ ހެދޭނެ މަގުފަހިކޮށްދިނުމަކީ ސަރުކާރުގެ ކެބިނެޓުގައި ހިމަނާފައިވާ މުހިންމު ސިޔާސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ