ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަހާމާސްއިން ބަލައިގެންފި

ކެރީބިއަންގެ ގައުމެއް ކަމަށްވާ ބަހާމާސްއިން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ނިންމައިފިއެވެ.
ބަހާމާސްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެ ގައުމުގެ ކެބިނެޓުން ނިންމާފައިވާކަން ގައުމުގެ ރައްޔިތުންނަށް އިއުލާނުކުރާ ކަމަށެވެ.
ބަހާމާސްގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ނިންމި ނިންމުމުން ދައްކުވައިދެނީ، އެ ގައުމުން، ބައިނަލްއަގުވާމީ މުއާހަދާތައް ކަމަށްވާ އިންޓަނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް އަދި އިންޓަނޭޝަނަލް ކޮވެނެންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސްގައިވާ ހައްގުތައް ދެމެހެއްޓުމަށް އިސްކަން ދޭ މިންވަރު ކަމަށެވެ.
އެ ބަޔާނުގައި އެ ގައުމުގެ ފޮރިން މިނިސްޓްރީން ފާހަގަކުރީ ބަހާމާސްއިން 1973 ވަނަ އަހަރު މިނިވަންކަން އިއުލާނު ކުރީ އެ މުއާހަދާތަކުގައިވާ އަމިއްލަ ކުރިމަގު ކަނޑައެޅުމުގެ ހައްގުގެ ދަށުން ކަމަށެވެ. އެހެންވެ، ފަލަސްތީނުގެ ރައްޔިތުންނަށް ވެސް އެ މީހުންގެ އަމިއްލަ ކުރިމަގު ކަނޑައެޅުމުގެ ގާނޫނީ ހައްގު ލިއްބައިދީ، އިގްތިސާދީ، އިޖުތިމާއީ އަދި ސަގާފީ ތަރައްގީ ހޯދުމުގެ ފުރުސަތު ދިނުމަށް ބަހާމާސްއިން ފުރިހަމައަށް ތާއީދު ކުރާ ކަމަށް އެ ބަޔާނުގައިވެއެވެ.
އެ ގައުމުން އިތުރަށް ފާހަގަކުރީ، ފަލަސްތީނާއި އިސްރާއީލުގެ ވަކި ދެ ދައުލަތް އޮންނަ ގޮތަށް އދ.ގެ ސަލާމަތީ މަޖިލީހުން 1967 ކަނޑައެޅި "ޓޫ ސްޓޭޓް ސޮލޫޝަނަށް" މީގެ ކުރިން ވެސް އެ ގައުމުން ފުރިހަމައަށް ތާއީދުކޮށްފައިވާނެ ކަމެވެ. އަދި ކެރީބިއަންގެ އެހެން ގައުމުތަކުން ވެސް ދެކޭ ގޮތަކީ އެއީ ކަމަށް އެ ގައުމުން ބުނެފައިވެއެވެ.
ބަހާމާސްއިން ފަލަސްތީނުގެ ދައުލަތް ބަލައިގަންނަން ނިންމާފައި މިވަނީ، ޣައްޒާގެ އެންމެ ދެކުނުގައި ގާތްގަނޑަކަށް ދެ މިލިއަން އާންމުން ރައްކާތެރިކަން ހޯދަން ގޮސްފައިވާ ރަފާހްއަށް އިސްރާއީލުގެ ނިރުބަވެރި ސިފައިން އަރައި ހަމަލާ ދޭން ފެށި ފަހުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ