ރާއްޖޭގައި ހިންގާ އިސްރާއީލުގެ ވިޔަފާރިތަކާ ދެކޮޅަށް ފިޔަވަޅު ނާޅާ, އިސްރާއީލު ސިފައިންނަށް އަމިއްލަ ގައުމުގައި މަރުޚަބާ ކިއުމަށްފަހު, ބޭރު ދުނިޔޭގައި އިސްރާއީލާއި ދެކޮޅަށް މިސަރުކާރުގެ ވެރިން އަޑު އުފުލަމުން ދިއުން! މިއީ ސީދާ މުނާފިގުކަން!

ދިވެހިރާއްޖެއް ފާހަގަވެގެން ގޮސްފައިވަނީ ދުނިޔޭގެ އެކި ޕްލެޓްފޯމްތަކާއި ޖަލްސާތަކާއި ފޯރަމްތަކުގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުލާ ގައުމެއްގެ ގޮތުގައެވެ.
އަދި ފާއިތުވި ސަރުކާރުތަކާއި ޚިލާފަށް މިސަރުކާރު ފާހަގަވެގެން ދަނީ, އިސްރާއީލާ ދެކޮޅަށް ބޭރުގެ އެކި ޕްލެޓްފޯމުތަކުގައި އަޑު އުފުލުމަށްފަހު ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އެވާހަތަކަށް ޒީނަތްތެރިކޮށް މަޝްހޫރުކޮށް “ޕީއާރު ސްޓަންޓެއްގެ” ގޮތުހައި އެވާހަކަތައް ދައްކަމުންދާ ސަރުކާރެއްގެ ގޮތުގައިވެސް މެއެވެ.
އެހެންނަމަވެސް އިސްރާއީލާ ދެކޮޅަށް ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކުގައި ރާއްޖެއިން އަޑު އުފުލުމަކީ އާކަމެއް ނޫނެވެ. އެއީ މިސަރުކާރުން އެކަނި ކުރަމުންދާ ކަމެއްވެސް ނުމެ ނޫންމެއެވެ. ހަމައެއާއެކު އެއީ މުސްލިމް ހުރިހާ ގައުމަކުންވެސް ކުރަމުން އަންނަ ކަމެއްވެސް މެއެވެ.
އެހެންނަމަވެސް އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ބޭރުގެ ޕްލެޓްފޯމްތަކުގައި އަޑު އުފުލާ ކޮންމެ ފަހަރަކުވެސް އެކަމުގެ މެޑަލްޖަހާ, އަދި އަމުދުން އެވާހަކަ ދައްކަވާ ވަޒީރަކު އަމިއްލަފުޅަށް މަޝްހޫރުވުމަށް ސޯޝަލް މީޑިއާގައި އެވާހަކަ އަމިއްލަ “ޕީއާރު”އަށް ހައްދަވައިގެން ދައްކަވާއިރު, ދުނިޔޭގެ އެހެން ގައުމުތަކުން އިސްރާއީލާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅަކީ ހަމައެކަނި އެގައުމާ ދެކޮޅަށް ބޭރުގެ ޕްލޓްފޯމްތަކުގައި އަޑު އުފުލުން އެކަންޏެއް ނޫނެވެ.
ވަކީން ޚާއްސަކޮށް, ފާއިތުވި 6 މަސްދުވަހު އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމާއި ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން މިހާރުވަނީ އިސްރާއީލާއެކީ ގާއިމް ކޮށްފައިވާ ސިޔާސީ ގުޅުން ކަނޑާލާފައެވެ. އަދި ބައެެއް ގައުމުތަކުން ވަނީ އިސްރާލާއެކީ އޮތް ވިޔަފާރީގެ ގުޅުންތައް ކަނޑާލާފައެވެ. އަނެއްބައި ގައުމުތަކުން ވަނީ އިސްރާއީލުގެ ރައްޔިތުންނަށް އެގައުމުތަކަށް ވަނުންވެސް މަނާ ކޮށްފައެވެ.
އެގޮތުން ތުރުކީ ވިލާތުން މިހާރުވަނީ އިސްރާއީލާއެކު އޮތް ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލާފައި ވާއިރު, މެލޭޝިއާއިން ވަނީ އެގައުމުގައި ކޭއެފްސީ (އިސްރާއީލާ ގުޅުން އޮތް ވިޔަފާރިއެއް) ހިންގުން މަނާ ކޮށްފައެވެ. އަދި ދުނިޔޭގެ އިސްލާމީ ގިނަ ގައުމުތައް ވަނީ އިސްރާއީލާއެކީ އެއްވެސް ގުޅުމެއް ބޭއްވުން ހުއްޓާލާފައެވެ.
އެހެންނަމަވެސް %100 މުސްލިމް މި ދިވެހިރާއްޖެ ތަފާތެވެ. މިގައުމުގެ ވެރިން ކުރާހާވެސް ކަމަކީ, އިސްރާއީލުގެ ރައްޔިތުންނާއި, ގަތުލުއާންމު ހިންގަމުންދާ އިސްރާއީލުގެ ސިފައިންނަށް މިރާއްޖޭގެ ބޯޑަރުތައް ތަންމިނަށް ހުޅުވާފަ ބޭއްވުމަށްފަހު, ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ “ހިޔަޅު” ވިސްނުމުގައި, ބައިނަލް އަގުވާމީ ފޯރަމްތަކުގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުލުމަށްފަހު އެވާހަކަތައް ޒީނަތްތެރިކޮށް, ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި އެވަހަތަކަށް އިސްތިހާރުކޮށް ހެދުމެވެ.
އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ މަޖިލީހުގެ ހާރިޖީ ކޮމިޓީން ފާއިތުވި ނޮވެމްބަރުމަހު، ރައީސް މުއިއްޒުއަށް ސިޓީ ފޮނުވިތާ 5 މަސްވެގެންދިޔައިރުވެސް, އެސީޓީއަށް މިއަދާއި ހަމައަށްވެސް މުއިއްޒު ޖަވާބު ދެއްވާފައި ނުވާއިރު, ދިވެހި ރައްޔިތުންގެ ޝަކުވާތަކާއެކުވެސް, ދިވެހިރާއްޖޭގެ ބޯޑަރުތައް އަނިޔާވެރި ޔަހޫދީންނަށް ރައީސް މުއިއްޒުވަނީ އެއްވެސް ހިފެހެއްޓުމެއްނެތި ހުޅުވާލާފައެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން އިޒްރޭލުގެ ޕާސްޕޯޓު މަނާކުރަން އެދި ރައްޔިތުންގެ މަޖިލިސްކުރާ ގޭގެ ކައިރިއަށް އާންމުން ފުރަތަމަ އެއްވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައެވެ. އެއީ މީގެ 5 މަހެއްހާ ދުވަސްކުރިއެވެ.
ސިލްސިލާކޮށް ކުރިޔަށްދިޔަ އެ އަޑުއުފުލުންތަކަށްފަހު, ޕްރެޝަރު ބޮޑުވެ މަޖިލީހަށް ބިލުތަކާއި ގަރާރުތައްވެސް ހުށަހެޅި އެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ މަޖިލީހުގެ ހާރިޖީ ކޮމިޓީން ނޮވެމްބަރު މަހުގައި, މުއިއްޒު ހުވާ ކުރެއްވިފަހުން، ރައީސަށް ސިޓީއެއް ވެސް ފޮނުވީ އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ބޭއްވުނު މުޒާހިރާތަކަށް ފަހުއެވެ.
އެއާއެކު އޭރު ރައީސް އޮފީހުގެ ޕްރެސްތަކަށް އަރުއްވަމުން ގެންދެވި ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވެފައިވަނީ، ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މަސައްކަތްތައް ކަމާބޭހޭ އިދާރާތަކުން ކުރަމުންދާ ކަމުގައެވެ.
އެހެންނަމަވެސް މިހާތަނަށްވެސް އިޒްރޭލު ރައްޔިތުން ރާއްޖެއައުން މި ސަރުކާރުން މަނާކޮށްފައެއް ނުވެއެވެ. އަދި ރާއްޖެއަށް އިސްރާއީލު ރައްޔިތުން ޗުއްޓީ ހޭދަކުރުމަށް އެއްވެސް ހުރަހެއް ނެތި އަންނަމުންދާއިރު, އޭގެ ތެރޭގައި އިސްރާއީލު އަނިޔާވެރި ސިފައިންވެސް ހިމެނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެގޮތުން އިސްރާއީލު ސިފައިން އަންނަނީ އެގައުމުގައި ފަލަސްތީނު ރައްޔިތުންނާއި ދެކޮޅަށް ހަނގުރާމަކުރުމަށްފަހު, ލިބޭ ޗުއްޓީތަކުގައި އިސްރާއީލު ސިފައިން އެމީހުންގެ އާއިލާތަކާވެސް އެކުގައިކަމަށްވެސް އެނގިފައި ވެއެވެ.
ފަލަސްތީނުގެ ނިކަމެތި ރައްޔިތުން ގަތުލުކޮށް ޝަހީދުކޮށްލުމަށްފަހު, އާއިލާތަކާއެކީ އަރާމު ކޮށްލުމަށް މިރާއްޖެއަށް ޔަހޫދީ ގާތިލުން އަންނަމުންދާއިރުވެސް, މިކަން މަނާނުކޮށް, އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަމިއްލަ ގައުމުގެ އެއްވެސް ފިޔަވަޅެއް ނާޅާ, އެކަން ފޫބެއްދުމަށް, ރައްޔިތުންގެ ލޮލުގައި އަދުން އަޅުވާ, ރައްޔިތުން ގުބޯ ހެއްދުމަށްޓާކާ, ގައުމުން ބޭރުގެ އެކި ޖަލްސާތަކާއި މަހާސިންތާތަކުގައި އިސްރާއީލާ ދެކޮޅަށް އަޑު އުފުލުމަށްފަހު އެވާހަކަތައް, ރައީސް މުއިއްޒުއާއި ވަޒީރުން އަމިއްލަ ޕީއާރަށް ހެއްދެވުމުން, މިސަރުކާރުގެ ވެރިންގެ އަމަލުތަކުން މިހާރު ފެންނަމުންދަނީ މުނާފިގުކަން ނޫން އެހެން ކޮންމެއްތޯއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ