މި ކުންފުނި ވުޖޫދުގައި ނެތް ކަމަށް ބުނެ ލޯ ފާމުން ހެދީ ދޮގު: ހަމްބޯ

ކޭ-ޕާކް ފްލެޓްތައް ހަވާލުކުރަން ކޯޓުން އަންގާފައިވަނިކޮށް، އެ ހުކުމްތައް ނިސްބަތްވާ "ހަމްބޯ ލިމިޓެޑް" ކުންފުނި ވުޖޫދުން ގެއްލިފައިވާ ކަމަށް ބުނެ އެޑްވަކަސީ ޗެމްބާސް ލޯ ފާމުން ފަތުރާފައިވަނީ ދޮގެއް ކަމަށް އެ ކުންފުނިން ބުނެފި އެވެ. 
ކޭ-ޕާކްގެ އެޕާޓްމެންޓްތަކަށް ފައިސާ ދެއްކި އެތައް ބަޔަކަށް އެ ފައިސާ ވެސް އަދި އެޕާޓްމެންޓް ވެސް ނުލިބި ގިނަ ބަޔަކު ޝަރީއަތަށް މައްސަލަ ހުށަހަޅައިފައިވެ އެވެ. އޭގެ ބައެއް މައްސަލަތަކުގެ ލޯ ފާމެއްގެ ގޮތުގައި ހަރަކާތްތެރިވާ އެޑްވަކަސީ ޗެމްބާސްއިން ބުނި ގޮތުގައި ހަމްބޯ ކުންފުނި މިހާރު ވުޖޫދަކު ނެތެވެ. އެހެންވެ އެކަމާ ގުޅޭ ގޮތުން އެޗްޑީސީއާ ބައްދަލުކުރަން އެދިފައިވެ އެވެ. 
އެޑްވަކަސީ ޗެމްބާސްގެ ވާހަކަތައް ދޮގުކޮށް ހަމްބޯ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ލޯ ފާމުން މަސައްކަތްކުރަނީ އެ ކުންފުންޏާއި ފްލެޓް ގަތް އެތައް ބަޔަކަށް ގެއްލުންދީފައިވާ ހަސަން މަމްދޫހު (މަންޑޭ)ގެ ނިވާފަތްގަނޑެއްގަ ކަމަށެވެ. ގެއްލުން ލިބުނު މީހުންނަށް އިންސާފު ހޯދައިދޭން ކޯޓަށް މައްސަލަ ހުށަހެޅުމުގެ ބަދަލުގައި ލޯ ފާމުން މަސައްކަތްކުރަނީ ނޫސް ބަޔާން ނެރުމާއި އެޗްޑީސީއަށް ސިޓީ ފޮނުވައި، އެ މީޑިއާއަށް އާންމުކުރުމުގައި ކަމަށެވެ.    
އެ ލޯ ފާމުން ތަމްސީލު ކުރަނީ ކޮން މުވައްކިލުންނެއް ކަމެއް ވެސް ނޭނގޭ ކަމަށާއި އެކަން ސާފުކުރުމަށް ލޯ ފާމަށް 2025 ގައި ފޮނުވި ސިޓީއަށް ޖަވާބު ލިބިފައިނުވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ. 
The most trusted news source in the Maldives
ހަމްބޯ ކުންފުނިން ފުލުހަށް ހުށަހެޅި މައްސަލައެއްގައި މަންޑޭގެ މައްޗަށް ދައުވާކޮށް އޭނާ 390 އަހަރަށް ޖަލަށްލާން ހުކުމްކޮށްފައި އޮތުމުން، މަކަރާ ހީލަތް ހެދި ފަރާތަކީ ކޮބައިކަން ސާބިތުވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ. އަދި މަންޑޭ އެކަން ކޮށްފައިވަނީ ކުންފުންޏާއި އާންމު ރައްޔިތުންނަށް އޮޅުވާލައިގެން ކަން ވެސް ސާބިތުވެފައިވާ ކަމަށެވެ. 
"...އެހެންކަމުން ދައުވާ ކުރަން ޖެހޭ ފަރާތަކީ ކޮބައިކަން ނޭނގިގެން ވަކީލުންތަކެއް އަބަދާ އަބަދު ސިޓީ އެކި ތަންތަނަށް ފޮނުވައި ވާނުވާ ނޭނގިގެން އުޅެންޖެހޭ ސަބަބެއް ނެތް،" ބަޔާނުގައި ބުންޏެވެ. 
ބަޔާނުގައި ބުނީ އެޑްވޮކަސީ ޗެމްބާސް ނޫނަސް ކޭޕާކްއާ ގުޅުންހުރި މައްސަލަތަކުގައި ސިވިލް ކޯޓަށް ދައުވާ ހުށަހަޅާފައިވާ ކަމަށާއި އެ ފަރާތްތަކުން ދައުވާކުރަން ޖެހޭ ފަރާތް އޮޅިގެން ނޫޅޭ ކަމަށެވެ. 
"މި ކުންފުނި މިހާރު ވެސް ވުޖޫދުވެ އަދި ޝަރުއީ އެތައް ނިންމުމެއްގައި މި ކަމުގެ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަރާތަކީ މި ކުންފުނި ކަމުގައި އެނގެން އޮތްއިރު ފާޅުކަން ދޮގު ހަބަރު ފަތުރައި އެޑްވޮކަސީ ޗެމްބާސްއިން ކުރާ ކަމަކީ އެ ފަރާތްތަކުގެ މުވައްކިލުންނަށް ހަގީގަތް ފޮރުވުމަށް ކުރާ މަސައްކަތެއް ކަމަށް ދެކެން،" ބަޔާނުގައި ބުންޏެވެ. 
ހުޅުމާލޭގައި ކޭޕާކް ފްލެޓްތައް ހަދާ ހަމްބޯ ކުންފުނީގެ މައްޗަށް ސިވިލް ކޯޓުގައި އެކި މީހުން ކުރި ދައުވާތަކުގައި އެޕާޓްމެންޓް ހަވާލުކުރުމަށާއި ބަދަލު ދޭން އަންގައި ހުކުމްތައް ނެރެފައިވެ އެވެ. އެ މައްސަލަތަކަށް ހަމްބޯ ކުންފުނިން ކޯޓަށް ހާޒިރުނުވާއިރު އެ ހުކުމްތައް ވެސް ތަންފީޒެއް ނުވެ އެވެ.  
The most trusted news source in the Maldives
ކޭ ޕާކް ފްލެޓްތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލާގައި ހަމްބޯ ކުންފުނީގެ ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ގެ މައްޗަށް 390 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
އޭނާގެ މައްޗަށް 104 ދައުވާއެއް ކުރި އެވެ. އެއީ މަކަރާއި ހީލަތް ހެދުމުގެ 50 ދައުވާ އާއި އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 50 ދައުވާ އާއި ސައްހަ ނޫން ލިޔުމެއް ދިނުމުގެ ތިން ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ އެއް ދައުވާ އެވެ.
މަންޑޭއާ އެކު ފްލެޓްތައް ވިއްކުމުގައި އިދާރީ މަސައްކަތްތަކުގައި އުޅުނު މަންޑޭގެ މުވައްޒަފު ޖައިޝާން ސައީދުގެ މައްޗަށް ކުރި 95 ދައުވާގެ ތެރެއިން ސާބިތުވި 86 ދައުވާއާ ގުޅިގެން އޭނާގެ މައްޗަށް 159 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. މަންޑޭ އާއި ޖައިޝާންގެ މައްޗަށް އިއްވި ހުކުމަކީ، ރާއްޖޭގައި މިހާތަނަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ. 
މީގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގައި މަންޑޭ 30 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން އަމުރުކުރި އެވެ. އަދި އެ މައްސަލާގެ ތަހުގީގުގެ ތެރެއިން އެ އެޕާޓްމެންޓް ކުރިން ވެސް ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ