ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލުމާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރާ ގުޅިގެން ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން އަހްމަދު އިސްމާއިލް (އަހަނދު) އަށް ކުރާ ޓެރަރިޒަމްގެ ދައުވާ ސާބިތުކުރަން ބޭނުންވާ ވަރަށް ހެކި ނެތުމުން އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ބޭރުކޮށްލައިފިއެވެ.
އަހްމަދު އިސްމާއިލްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގައި ބައިވެރިވުމެވެ. އެގޮތުް އިތުރު ބަޔަކާ ގުޅިގެން 2014 ވަނަ އަހަރު ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުށުއަރާ ހިޔާލު ފާޅުކުރާ މީހުންނަށް އަދަބު ދިނުމަކީ އެ މީހުން އަމިއްލަ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށް ބަލައިގެން އެކަން ކުރުމަށް ރާވައި، އެ ކަހަލަ ގްރޫޕްތަކުގައި އިސްކޮށް އުޅުނު މީހުން ހޯދަން އުޅުނު ކަމުގެ ތުހުމަތުގަ އޭނާ ވަނީ 2022 ވަނަ އަހަރު ހައްޔަރުކޮށްފައެވެ.
އެ ގްރޫޕްތަކާ ގުޅުން އޮތް ކަމަށް ބެލެވޭ މީހުން ހިފަހައްޓައި އަނިޔާކޮށް، ބިރުދައްކައިގެން އެ މީހުންގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕާސްވޯޑު އަތުލައި އެ އެކައުންޓްތައް ބެލި ބެލުމުން ނޫސްވެރިޔާ ރިލްވާނާއި ބްލޮގަރު ޔާމީނަކީ އެކަމުގައި އިސްކޮށް އުޅުނު ބައެއް ކަމަށް ނިންމައި، އެހެން ބަޔަކާ ގުޅިގެން ރިލްވާނާއި ޔާމީން މަރާލުމަށް ރޭވުމުގައި ބައިވެރިވި ކަމުގެ ތުހުމަތު ވެސް އެނާގެ މައްޗަށް ވަނީ ކޮށްފައެވެ.
މި ތުހުމަތުތައް ސާބިތު ކުރެވޭ ވަރަށް ދައުލަތުން ހެކި ހުށަހަޅާފައި ނެތް ކަމަށް ކަނޑައަޅައި ކޯޓުން ނިންމީ އަހަނދުގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.
ދައުލަތުން ބުނާ ގޮތުގައި، އަހްމަދު އިސްމާއިލަކީ ރިލްވާން މަރާލުމުގެ ކަންކަން ރާވައި އިންތިޒާމު ކުރުމުގެ އިތުރުން، ޔާމީން މަރާލުމަށް އޭނާ އަށް ފާރަލުމުގެ ކަންކަން އިންތިޒާމު ކުރި މީހެކެވެ. އަދި ޔާމީނާއި ރިލްވާނަށް ފާރަލައި އެ ދެ މީހުން މަރާލުމަށް އެހީތެރިވެދީފައިވާ ކަމަށްވެސް ދައުލަތުން ބުނެއެވެ.
ކުށް ސާބިތުވާ ވަރަށް ހެކި ނެތުމުން އަހަނދުގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ