އެމްޑީޕީގެ މަޖިލިސް ތިން މެމްބަރަކަށް އަނިޔާވެފައި

ކުރީގެ ރައީސް މުހަންމަދު ނަޝީދުގެ ވެރިކަން ބަދަލުވެ ޖެހިގެން އައި ދުވަހު އެމްޑީޕީން މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގެ ތެރޭގަ އާއި މި މަހުގެ 19 ގައި ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރޭގައި އެމްޑީޕީގެ މަޖިލިސް ތިން މެމްބަރަކަށް ސީރިއަސް އަނިޔާތަކެއް ވެފައިވާ ކަމަށް އެ މެމްބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
މިވަގުތު ލަންކާގައި ޑޮކްޓަރަށް ދެއްކުމަށް ވަޑައިގެން ތިއްބެވި މާފަންނު ދެކުނު ދާއިރާގެ އިބްރާހިމް ރަޝީދު (ބޮންޑޭ) އާއި ތިނަދޫ ދާއިރާގެ މުހަންމަދު ގަސަމް އަދި ބާރަށު ދާއިރާގެ މުހަންމަދު ޝިފާޒަށް އަނިޔާވެފައިވާ ކަމަށް ޑޮކްޓަރު ބުނާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
ތިން މެމްބަރުންގެ ފަރާތުން ވާހަކަ ދެއްކެވި އިބްރާހިމް ރަޝީދު ވިދާޅުވީ، ފެބްރުއަރީ 8 ގައި ބޭއްވި މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ފުލުހުން އޭނާގެ ގައިގައި ޖެހުމުން މައިބަދަ އަށް ވަނީ އަނިޔާވެފައި ކަމަށް ޑޮކްޓަރު ބުނާ ކަމަށެވެ. އަދި އެކަމަށް ފަރުވާ ހޯދަން ޖެހޭ ކަމަށް ވެސް ރަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން ހަމަ އެ ދުވަހުގެ މުޒާހަރާގައި ފުލުހުން ޖެހުމުގެ ސަބަބުން ގަސަމްގެ "ސިކުނޑި ގުޑާފައި"ވާ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް އިބްރާހީމް ރަޝީދު ވިދާޅުވި އެވެ.
"ގަސަމްގެ ވާތު ކަންފަތަށް ރަނގަޅަށް އަޑެއް ވެސް ނީވޭ. މާލޭގައި ޑޮކްޓަރަށް ދެއްކުމުން ވެސް ]ގަސަމް[ ސިކުނޑި ގުޑާފައިވާ ކަމަށް ޑޮކްޓަރު ބުނެފައި ވޭ. މިތަނުން ވެސް ބުނަނީ އެހެން،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
މީގެ އިތުރުން މި މަހުގެ 19 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ރިޔާސަތުން ނަން އިއްވި މެމްބަރުން ނެރުމަށްޓަކައި ސިފައިން މަސައްކަތް ކުރި ވަގުތު ޝިފާޒުގެ މޭ މައްޗަށް ވެސް އަނިޔާ ވެފައިވާ ކަމަށް އިބްރާހިމް ރަޝީދު ވިދާޅުވެ އެވެ.
"ޝިފާޒުގެ މޭމަތީގައި އުޅެނީ މައިނާ އިންޖަރީއެއް. އޭނާ ވެސް ވަރަށް ބޮޑަށް މެއަށް ތަދުވާތީ އުޅެނީ،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
ޝިފާޒު ވަނީ މަޖިލިސް ހުޅުވި ދުވަހު މޭ މައްޗަށް އަނިޔާވެގެން އިމަޖެންސީގައި ފަރުވާ ވެސް ހޯއްދަވައިފަ އެވެ.
"އަޅުގަނޑުމެން އައިސް މެޑިކަލް ޗެކަޕެއް މި ހެދީ. ހެދުމުން މި ހުރިހާ ކަމެއް މި އެނގުނީ. މިއީ ސީރިއަސް ކަންތައްތަކެއް. އަޅުގަނޑަށް ހީވަނީ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ބަލަން އެބަޖެހޭހެން ފުލުހުން މުގުރު ބޭނުން ކުރާ ގަވާއިދު. ބޮލާއި ހަށިގަނޑުގައި އަނިޔާ ތަންތަނުގައި ޖެހިގެން ނުވާނެ. ގޮށް މުށުން މޫނުމަތީގައި ޖަހައިގެން ނުވާނެ. އަޅުގަނޑުގެ މައިބަދަ އަށް މި އަނިޔާވީ އެ ދުވަހު ފުލުހުން ކޮޅުފައިން އައިސް ޖެހުމުގެ ސަބަބުން،" އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.
ފެބްރުއަރީ 8 ގައި އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލުމަށްޓަކައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ފުލުހުން ބާރުގެ ބޭނުންކުރި މަންޒަރު ވަނީ ފެނިފަ އެވެ. އަދި އެ މައްސަލަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ވެސް ދަނީ ބަލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ