ވެރިކަން ބަދަލު ކުރަން ބޭނުމެއް ނޫން، 2023 އާ ހަމައަށް ތިބޭނަން: ގާސިމް

މިހާރު އުފެދިފައިވާ ސަރުކާރު ބަދަލު ކުރަން ބޭނުން ނޫން ކަމަށާއި މި ސަރުކާރާ އެކު 2023އާ ހަމައަށް ތިބޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ކޮންމެ ހަފްތާއަކު އެ ޕާޓީގެ މައި އޮފީސް މ. ކުނޫޒްގައި ބާއްވަމުން އަންނަ ސިލްސިލާ ބައްދަލުވުމުގެ ތެރެއިން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަނުގައި އޮތުމަށް އެ ޕާޓީން އެއްބަސްވެފައި ވަނީ 2023 އާ ހަމައަށް ކަމަށެވެ. މި ހިނގަމުންދާ ރިޔާސީ ފަސް އަހަރުގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ދަމަހައްޓަން މަސައްކަތް ކުރައްވާނެ ކަން ފާހަގަކޮށް ގާސިމް ވިދާޅުވީ މި ސަރުކާރު ބަދަލުކުރަން އެ ޕާޓީން އެއްވެސް މަސައްކަތެއް ނުކުރާނެ ކަމަށެވެ. "އަޅުގަނޑުމެން ބޭނުން ވަނީ މިއަދުގެ ހުރި ރައިސުލްޖުމްހޫރިއްޔާ އެކަމުގައި ހުންނަން. އޭގެ މާނައަކީ އަޅުގަނޑުމެން 2023ގައި ރައިސުލްޖުމްހޫރިއްޔާ ކަމަށް މީހަކު ނުނެރޭނެމެކޭ އެއް ނޫން،" ގާސިމް ވިދާޅުވި އެވެ. ދެން އޮންނަ ރިޔާސީ އިންތިހާބަކަށް ޖޭޕީގެ ފަރާތުން ކެނޑިޑޭޓަކު ނެރުއްވާނެ ކަމަށް ގާސިމް މީގެ ކުރިން ވިދާޅުވެފައިވާ ވިދާޅުވުން ރޭ ވެސް ވަނީ ތަކުރާރު ކުރައްވައިފަ އެވެ. އަދި ބައެއް ފަރާތްތަކުން އެކަން ސިފަ ކުރައްވަނީ މި ސަރުކާރު ބަދަލު ކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ގާސިމް ވަނީ ވިދާޅުވެފަ އެވެ. "އަޅުގަނޑު އެހެން ބުނީމާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވަރަށް ކަންބޮޑުވެގެން ތިމަންނަމެން އެ ފުރުސަތެއް ނުދޭނަމޭ ބުނީމާ އަޅުގަނޑު ވަރަށް އުފާވި. އެއީ އަޅުގަނޑުމެން ބޭނުންވާ ކަންތައް ބޭނުންވާ ގޮތަށް އެ ކުރެވުނީ،" މާމިގިލީ ދާއިރާގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވި އެވެ. މީގެ ކުރިން ޖޭޕީ އަކީ ހަމަ އެކަނި ރިޔާސީ އިންތިހާބުގެ ގޮތް ނިންމަން ބޭނުން ކޮށް އޭގެ ފަހުން 'ސައިލެންޓް' ޕާޓީއެއްގެ ގޮތުގައި އޮންނަ އޮތުން ބަދަލުވެފައިވާކަން ގާސިމް ވަނީ ފާހަގަކުރައްވައިފަ އެވެ. އެގޮތުން އެ ޕާޓީއަށް މީހުން އިތުރުކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރަމުން އަންނަ އިރު ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ އިތުރުން ދެން ހުރި އިންތިހާބުތަކުގައި ވެސް ވާދަކުރައްވާނެ ކަމަށް ގާސިމް ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ