ރާއްޖެއަށް މުޅިން އާ ރޯޑް ރޭހެއް ރެޑްބުލް އިން ބާއްވަނީ

"ރެޑްބުލް ކެޗް ދަ ފެރީ"ގެ ނަމުގައި ރާއްޖެ އަށް ތައާރަފްވެފައި ނުވާ ރޯޑް ރޭހެއް ބާއްވަން ރެޑްބުލް މޯލްޑިވްސް އިން ނިންމައިފި އެވެ.
އަންނަ މަހު 31 ވަނަ ދުވަހު ބާއްވާ މި ރޯޑް ރޭސް ބާއްވަނީ މާލެ، ހުޅުމާލެ އަދި ވިލިނގިލީގަ އެވެ. ފެރީ ދަތުރުތަކަށް ފަހު، މި އިވެންޓްގައި ދުވުންތެރިން 12.6 ކިލޯމީޓަރު ފުރިހަމަކުރަން ޖެހޭނެ އެވެ. މާލޭގެ ރާޅުގަނޑުން ފަށާ މި ދުވުން ފަސް ލެގަކަށް ބަހާލެވިފައި ވެއެވެ.
ރާޅުގަނޑުން ފެށިގެން ފުރަތަމަ ލެގު ނިމޭނީ ވިލިނގިލީ ފެރީ ޓާމިނަލް އަށެވެ. މާލޭގައި ދެ ކިލޯމީޓަރު ފުރިހަމަ ކުރުމަށް ފަހު، ވިލިނގިލި ފެރީ އަށް އަރައިގެން އެ އަވަށުގައި 1.7 ކިލޯމީޓަރު ފުރިހަމަ ކުރުމަށް ފަހު، އަލުން ފެރީގައި ދަތުރު ކުރަން ޖެހޭނީ މާލެ އަށެވެ.
ވިލިނގިލިން މާލެ އަށް އައުމަށްފަހު 2.3 ކިލޯމީޓަރު ދުވުމަކަށް ފަހު، އަންނަން ޖެހޭނީ ހުޅުމާލެ ފެރީ ޓާމިނަލް އަށެވެ. ފެރީގައި ހުޅުމާލެ އަށް ދަތުރުކުރުމަށް ފަހު، އެ އަވަށުގައި 5.6 ކިލޯމީޓަރު ފުރިހަމަ ކުރުމަށް ފަހު، ފެރީގައި އަލުން އެނބުރި އަންނަން ޖެހެނީ މާލެ އަށެވެ. މާލެ އައުމަށް ފަހު، އެއް ކިލޯމީޓަރުގެ ދުވުމަކަށް ފަހު، ރޭސް ނިންމާލަނީ ރާޅުގަނޑަށެވެ.
މި ރޭހުގެ އެއްވަނަ ފިރިހެން އަދި އަންހެން ދުވުންތެރިޔާ ހޮވުމަށް ނިންމާފައިވާ އިރު، އެއްވަނަ ދުވުންތެރިޔާ އަށް މިއަހަރު އޮގަސްޓް މަހު ކަޒަކިސްތާނުގައި އޮންނަ އަލްމަޓީގައި ބާއްވާ ރެޑްބުލް 400 މުބާރާތުގައި ބައިވެރިވޭނެ އެވެ. މާލެ ސިޓީގައި ބާއްވާ ދުވުމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރެޑްބުލް ވެބްސައިޓް ގައި ރަޖިސްޓަރީ ވާން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ