ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ މެމްބަރު ނިޒާރު ފުލުހަށް

ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ. ނިޒާރު މިއަދު "ސަން"އަށް ވިދާޅުވީ މާދަމާ މެންދުރުފަހު 2:00 އަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވާން ޗިޓް ފޮނުވާފައިވާ ކަމަށެވެ. އޭނާ ފުލުހުންގެ އިދާރާ އަށް ހާޒިރުކުރަނީ މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ސިފައިންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ސިފައިންނާ މެދު މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ. އެ މައްސަލައާ ގުޅިގެން މީގެކުރިން ވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފް އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފުލުހުންގެ އިދާރާ އަށް ހާޒިރުކޮށް ބަޔާން ނަގާފައެވެ. އެ ދެ މެމްބަރުންގެ ޕާސްޕޯޓު ވެސް ވަނީ ތިން މަސް ދުވަހަށް ހިފަހައްޓާފައެވެ. އަދި އެ މައްސަލަގައި ދެން ތުހުމަތު ކުރަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށެވެ. ސްރީލަންލާގައި ހުންނަވަނިކޮށް މަހުލޫފްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ