އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ، އޭއެފްސީގެ އިންތިޚާބަށް އޮލިމްޕިކް ކައުންސިލް އޮފް އޭޝިއާގެ ރައީސް ކުވައިތުގެ ޝެއިޚް އަހުމަދު އަލް-ފަހަދު އަލް-ސަބާހް ނުފޫޒު ފޯރުވިކަމަށް ތުހުމަތުކުރައްވައި، ރާއްޖޭގެ މަރިޔަމް މުހައްމަދު (މާޔަން) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އަށް މައްސަލަ ހުށަހަޅުއްވައިފި އެވެ.
އޭއެފްސީގެ އިންތިޚާބުގައި އެއިދާރާގެ ހިންގާ ކޮމިޓީގެ އަންހެން މެމްބަރުގެ ގޮނޑި އަދި ފީފާ ކައުންސިލަށް އޭއެފްސީން ކަނޑައަޅާ އަންހެން މެމްބަރުގެ ގޮނޑިއަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ނޮމިނޭޓްކުރި މާޔަންއަށް ވަނީ ނާކާމިޔާބުވެފައެވެ. އެ އިންތިޚާބުގައި އެ ޖަމިއްޔާގެ ހިންގާ ކޮމިޓީގެ އަންހެން މެމްބަރުންގެ ސައުތު ޒޯނުގެ ގޮނޑި ކާމިޔާބުކުރެއްވީ ބަންގްލަދޭޝްގެ މަހްފޫޒާ އަޚްތަރު ކިރަން އެވެ.
މާޔަން ތުހުމަތުކުރައްވަނީ އޭއެފްސީގެ ހިންގާ ކޮމިޓީގެ ސައުތު ޒޯނުގެ ގޮނޑި އޭނާއާ ވާދަކުރެއްވި މަހްފޫޒާ އަޚްތަރު ކިރަން އަށް ކާމިޔާބުކޮށްދެއްވަން ޝެއިޚް އަހުމަދު ނުރަނގަޅު ނުފޫޒު ބޭނުންކުރެއްވި ކަމަށެވެ. މާޔަން ވަނީ ޝެއިޚް އަހުމަދު ދެކޮޅަށް މާޔަން ހުށަހެޅުއްވި މައްސަލަ ފީފާގެ އިލެކްޓޯރަލް ކޮމިޓީން އިތުރަށް ތަހުގީގުކުރުމަށް އެތިކްސް ކޮމިޓީއަށް ފޮނުވާފަ އެވެ.
އެމެރިކާގެ ނިއު ޔޯކް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި މާޔަން ވިދާޅުވެފައިވަނީ އިންތިޚާބުގެ ކުރިން ޝެއިޚް އަހުމަދާ ބައްދަލުކުރެއްވުމުން، ނަން އަނބުރާ ނެގުމަށް އެދުނު ކަމަށެވެ. ސަބަބަކީ މަހްފޫޒާއަށް ތާއީދުކުރަން ޝެއިޚް އަހުމަދު ނިންމަވާފައި އޮތުމުން ކަމަށްވެސް ވިދާޅުވި އެވެ.
ރިޝްވަތުގެ ތުހުމަތުކުރެވުމުން ފީފާގެ ކައުންސިލް މެމްބަރުކަމުން 2017 ވަނަ އަހަރު ޝެއިޚް އަހުމަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭނާ މިހާރު އަންނަނީ އެސޯސިއޭޝަން އޮފް ނޭޝަނަލް އޮލިމްޕިކް ކޮމިޓީސްގެ ރައީސްގެ މަގާމާއި ދުނިޔޭގެ ހޭންޑްބޯޅަ ފެޑެރޭޝަނުގެ ރައީސްގެ މަގާމު ފުރުއްވަމުންނެވެ.
ޝެއިޚް އަހުމަދު ނުފޫޒު ފޯރުވި ކަމަށް ބުނެ މާޔަން ފީފާ އަށް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ