ރިލްވާން މައްސަލަ އާއި ގުޅޭ މެސެޖެއް ރައީސް ޔާމީން އަޅުގަނޑަކަށް ނުފޮނުވާ – އުމަރު

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލަ ތަޙްޤީޤު ކުރުމަށް އިސްކަން ނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އޭރުގެ ހޯމް މިނިސްޓަރ އުމަރު ނަސީރަށް އެސްއެމްއެސް އެއް މެދުވެރިކޮށް ވިދާޅުވިކަމަށް އަލްޖަޒީރާ އިން މިއަދު އާންމު ކުރި "ސްޓީލިން ޕެރަޑައިސް" ގައި ބުނި ނަމަވެސް އުމަރު ނަސީރު އެކަން ދޮގު ކުރައްވައިފިއެވެ.
އަލްޖަޒީރާގެ ރިޕޯޓް އާންކުރިތާ އިރުކޮޅެއް ފަހުން އުމަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިލްވާން މައްސަލަ އާއި ގުޅޭ އެއްވެސް މެސެޖެއް ރައީސް ޔާމީންގެ ފަރާތުން އޭނާ އަށް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އަދި އަލްޖަޒީރާ އަށް ވެސް އެފަދަ މެސެޖެއް ލިބިފައި ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އުމަރު ވިދާޅުވިއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ ރިލްވާން ގެއްލުނުތާ މިހާރު ދެއަހަރަށް ވުރެވެސް ގިނަ ދުވަސް ވެފައި ވާއިރު އޭނާ ހޯދުމަށް ކުރާ މަސައްކަތައް މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ރިލްވާންގެ އާއިލާ އިން ތުހުމަތު ކުރާ ގޮތުގައި އޭނާ ހޯދުމަށް ސަރުކާރުން އެކަށީގެންވާ އިސްކަމެއް ނުދެއެވެ.
ނަމަވެސް މިމައްސަލައިގައި މީގެ ކުރިން ބަޔަކު ހައްޔަރުކޮށްގެން ވެސް ތަޙްޤީޤު ކުރިއަށް ގެންގޮސްފައި ވެއެވެ. ހައްޔަރުކުރި މީހުންގެ ފަރާތުން ވެސް ތަޙްޤީޤަށް ކުރިއެރުމެއް ނުލިބުމުން އެމީހުން ވަނީ ދޫކޮށްލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ