ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކަށް އަނިޔާވެއްޖެ

ހުޅުމާލެ ހުވަނދު މާރުކޭޓު ކައިރީގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މާބަނޑު އަންހެނަކަށް އަނިޔާވެއްޖެއެވެ.
މިއަދު ހެނދުނު 6:45 ހާއިރު ހިނގި އެ އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 36 އަހަރުގެ މާބަނޑު އަންހެނަކަށެވެ.
ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ހުޅުމާލެ ހޮސްޕިޓަލް ހިންގާ އާސަންދައި ކުންފުނީގެ މީޑިއާ އޮފިޝަލު އާޝިޔާ ސޯލިހު ވިދާޅުވީ އަނިޔާވި އަންހެން މީހާގެ ބަނޑަށް އަށް މަސް ކަމަށާއި އެކްސިޑެންޓުގައި އޭނާގެ ވައަތު ފަޔަށް އަނިޔާވެފައިވާ ކަމަށެވެ.
އޭނާގެ އޮތީ ސްޓޭބަލް ހާލަތެއްގައި ނަމަވެސް މިހާރު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް އާޝިޔާ ވިދާޅުވި އެވެ.
އެކްސިޑެންޓުވި ކާރުގެ ކުރީކޮޅަށް ވެސް ކޮންމެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އެ ހާދިސާ ހިނގާފައި ވަނީ ހުޅުމާލެ ހުވަނދު މާރުކޭޓު ގޯޅިން ނިކުތް ކާރެއް ބޮޑުމަގުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެންނެވެ.
އިއްޔެ ވެސް ހުޅުމާލޭގައި ދެ އެކްސިޑެންޓެއް ހިނގާފައި ވެއެވެ. އޭގެ ތެރެއިން އެއް އެކްސިޑެންޓް ހިނގާފައި ވަނީ ދުއްވާފަ ދިޔަ ކާރު ކޮންޓްރޯލު ނުވެގެން ގޮސް ގަހެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ކާރު ދުއްވަން އިން މީހާ ހޭނެތުނުއިރު އަނެއް އެކްސިޑެންޓު ހިނގާފައި ވަނީ ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ވެސް ދެ މީހަކަށް އަނިޔާވެ ހޮސްޕިޓަލުން ފަރުވާ ދިނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ