ޔޫކްރޭނުގެ އިދިކޮޅު ކެންޑިޑޭޓް އެންމެ ފަހުން ބަހުސަށް އެއްބަސް

ކިއޭވް (އެޕްރީލް 18) - ޔޫކްރޭނުގެ ރިޔާސީ އިންތިޚާބުގެ ދެ ވަނަ ބުރުގައި ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ވޮލޮޑިމީރް ޒެލެންސްކީ ރިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް އެންމެ ފަހުން އެއްބަސްވެވަޑައިގެންފި އެވެ.
އިދިކޮޅު ކެންޑިޑޭޓް ވަޑައިނުގަތުމުން ޔުކްރޭންގެ ރައީސް ޕެޓްރޯ ޕޮރޮޝެންކޯ މިދިޔަ އާދިއްތަ ދުވަހު ބަހުސް ކުރެއްވީ ހުސް ޕޯޑިއަކާ މުޚާތަބު ކުރައްވަ އެވެ. ދެ ކެންޑިޑޭޓުންގެ ޕްރެސް ޓީމުން ބުނެފައި ވަނީ އަންނަ އާދިއްތަ ދުވަހު ބާއްވާ އިންތިޚާބުގެ ކުރިން ދެ ކެންޑިޑޭޓުންގެ ވެސް ބަހުސް 70،000 މީހުންނަށް ވަދެވޭ ސްޕޯޓްސް އެރީނާގައި ހުކުރު ދުވަހު މެންދުރު ފަހު ބާއްވާނެ ކަމަށެވެ.
ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކަނީ ރައީސް ޕޮރެޝެންކޯ އަށް ވުރެ ޓީވީ ކޮމީޑިއަނެއް ކަމަށްވާ ޒެލެންސްކީ މާ ބޮޑުތަނުން ކުރީގައި އުޅުއްވާ ކަމަށެވެ. އުމުުރުން 41 އަހަރުގެ ޒެލެންސްކީ އަކީ ސިޔާސީ އެއްވެސް ތަޖްރިބާއެއް ހުރި ބޭފުޅެއް ނޫނެވެ.
ޒެލެންސްކީގެ މީޑިއާ ޓީމުން މިހާރު ދަނީ ސޯޝަލް މީޑިއާގައި ރިޔާސީ ބަހުސް ޕްރޮމޯޓް ކުރަމުންނެވެ. އަދި އެއީ ޔޫކްރޭނުގެ ތާރީޚަށް ވަންނާނެ އިވެންޓެއް ކަމުގައި ދަނީ ބުނަމުންނެވެ.
ފުރަތަމަ ބޭއްވި ބަހުސް ޒެލެންސްކީ ވަޑައިނުގަތުމުން ޕޮރެޝެންކޯ ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ރައްޔިތުންނަށް ފިލައިގެން ނޫޅެވޭނެ ކަމަށް ޕޮރެޝެންކޯ ވަނީ ވިދާޅުވެފަ އެވެ. ޒެލެންސްކީގެ ޓީމުން ބުނެފައި ވަނީ އާދިއްތަ ދުވަހުގެ ބަހުސަށް ހާޒިރު ނުވީ ބަހުސް ބާއްވާނެ ދުވަހަކާ މެދު އެއްބަސް ނުވެވިގެން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ