ގާސިމް ކޯޓުތަކަށް ނުފޫޒު ފޯރުވާކަމުގެ ތުހުމަތު ކޯލިޝަންގެ އެކްޓިވިސްޓުން ކުރަނީ

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކޯޓުތަކަށް ނުފޫޒު ފޯރުވަމުންދާ ކަމުގެ ތުހުމަތު އިދިކޮޅު ކޯލިޝަނަށް ތާއިދު ކުރާ ބައެއް އެކްޓިވިސްޓުން ކުރަމުން އެބަގެންދެއެވެ.
ގާސިމް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމް ބާތިލްކޮށް ހައިކޯޓުން މިއަދު ވަނީ ގާސިމް މިނިވަންކޮށްފައެވެ. ރިޔާސީ އިންތިޚާބު ބާތިލް ކުރަން ރައީސް ޔާމީން ހުށަހެޅުއްވި މައްސަލަ ރައީސް ޔާމީނަށް ނާކާމިޔާބު ވުމުން ގާސިމް އިއްޔެ ވަނީ ޝަރުޢީ ދާއިރާ އަށް ތައުރީފް ކުރައްވާފައެވެ.
ގާސިމް އިއްޔެ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސާބިތުކޮށްދިނީ އަދުލް އިންސާފު މަރުނުވެ އޮތްކަން ކަމަށެވެ. ގާސިމްގެ އެވާހަކަތަކަށް ރައްދުދީ އެމްޑީޕީގެ ސަޕޯޓަރެއް ކަމަށްވާ ޖެނިފާ ލަތީފް ކުރި ޓްވީޓެއްގައި ބުނީ އަމިއްލަ މީހާ ކޯޓުތަކަށް އަތް ބާނާފައި މިހާރު އޯކޭ އޭ ބުނަމަކީ ހައިރާންވާންވީ ކަމެއް ނޫން ކަމަށެވެ. "ދެން ވެސް އަތް ބޭނޭނީ ކޯޓުތައް ކޮރަޕްޓްކޮށް ހުރީމަތާ ދޯ. ގާސިމް ވާހަކަ ނުދައްކާ ހުރޭ." ޖެނިފާގެ ޓްވީޓްގައި ބުންޏެވެ.
އެމްޑީޕީގެ އިތުރު އެކްޓިވިސްޓަކު ކުރި ޓްވީޓެއްގައި ބުނީ ގާސިމް އަކީ ކޮރަޕްޓް މީހެއް ކަމަށެވެ. "ކޯޓުން ގާސިމް ކޮޅަށް މައްސަލަ ނިންމަނީ ފައިސާ ދީގެން. އެއީ އެންމެނަށް އެނގޭ ބޮޑު ސިއްރެއް." އޭނާގެ ޓްވީޓްގައި ވެއެވެ.
ރާއްޖެއިން ބޮޑުކޮށް ފެންނަމުން މިދަނީ އިންސާފުގެ މަގަށް މުޅި ގައުމު ބާރަށް އެނބުރިގެން އަންނަ މަންޒަރު ކަމަށް ގާސިމް ވިދާޅުވުމުން ކުރީގެ ބަންޑާރަނައިބު ދިޔާނާ ސައީދު ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.
ދިނާޔާ ވިދާޅުވީ "(ގާސިމަށް) އިހްތިރާމާއި މާފާއިއެކު ދަންނަވަން ޖެހެނީ އަދި އެމަންޒަރު ނުފެންނަ ކަމަށް. އަންބޮޑިއަށް އިންސާފު ޖަހައިގެން ވައިޖެހޭ އަތަކަށް ނެގޯޝިއޭޓް ކުރަމުން އެތިއެތިކޮޅުން އިންސާފު ދިނުމަކީ އިންސާފުގެ މަގަށް ގައުމު ބަދަލުވުމެއް ނޫން." ކަމަށެވެ. ދިނާނާ ވިދާޅުވީ ރާއްޖޭގައި އިންސާފް ގާއިމް ކުރެވޭނީ ކޯޓުތައް އިސްލާހު ކުރެވިގެންނެވެ.
މިއަހަރުގެ ފެބްރުއަރީ 01 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އާދަޔާއި ހިލާފު އަމުރެއް ނެރެ، ކުށްވެރިންތަކެއް މިނިވަން ކުރީ ވެސް ގާސިމްގެ ބައިވެރިވުން އޮވެގެން ކަމަށް ގާސިމް ވަނީ އަމިއްލަފުޅަށް އިއުތިރާފްވެފައެވެ. ގާސިމް "ރާއްޖެޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ "އަޅުގަނޑުމެން އަމުރެއް ނެރުމުން" އެއަމުރު ކަމަކު ނުދިޔަ ކަމަށެވެ. ސުޕްރީމް ކޯޓުން އަމުރު ނެރުމުގައި ފަނޑިޔާރުން ފައިސާގައި ހިފާފައިވާކަން ފުލުހުންގެ ތަޙްޤީޤަށް ކަށަވަރު ވެގެން ގާސިމްގެ ދޮށީ ދަރިކަލުން ހައްޔަރު ވެސް ކުރިއެވެ.
ފާއިތުވި މަހެއްހާ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭނުންވާ ގޮތައް ކޯޓުތަކުން ޙުކުމްތައް ކުރަމުން ގެންދާތީ އިދިކޮޅު ލީޑަރުންގެ ތައުރީފް ކޯޓުތަކަށް ވަނީ ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ