މަޖިލިސް މެންބަރު ކަމުން އަބްދުﷲ ޝާހިދު އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެންބަރު ކަމުން އަބްދުﷲ ޝާހިދު މަޖިލީހުގެ މެންބަރު ކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
މަޖިލިސް ކުރާ ގޭގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ މިއަދަކީ އެމަނިކުފާނު މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވާނެ އެންމެ ފަހު ދުވަސް ކަމަށެވެ. މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދެއްވުމަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި ފެނިވަޑައިގަންނަވާނީ އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ތެރެއިން ކަމަށްވެސް ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ދިވެހި ގައުމާއި ރައްޔިތުންނަށް އިހްލާސްތެރި ހިދުމަތްތަކެއް ސަރުކާރުގެ ތެރެއިން ކޮށްދެއްވުމަށް އެމަނިކުފާނު ބޭނުންފުޅުވާ ކަމަށެވެ. އެހެންކަމުން އިބްރާހީމް މުހައްމަދު ސޯލިހް ހަވާލުކުރައްވާ ކޮންމެ މަސައްކަތެއް ކުރެއްވުމުގައި ސާބިތުވެ ހުންނަވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަބްދުﷲ ޝާހިދު ވިދާޅުވީ އެމަނިކުފާނު ޒުވާން އުމުރުގައި މަޖިލިސް މެންބަރު ކަމަށް އިންތިހާބުވީ، އިންތިހާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކަމަށާއި ރައްޔިތުން ހަވާލުކުރި މަސްއޫލިއްޔަތު މަޖިލީހުގައި ފުރިހަމައަށް އަދާކުރެއްވުނު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ކަންވެސް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި މަޖިލީހަކީ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ތަނަކަށް ހަދައިދީފައިވާނެ ކަމަށާއި، މަޖިލީހުގެ ރައީސް ކަމުގައި މަސައްކަތް ކުރައްވާފައިވަނީ ގާނޫނުއަސާސީ މަޖިލީހުގެ ގަވައިދާއި އުސޫލުތަކާ އެއްގޮތަށް ހާމަކަން ބޮޑު ގޮތެއްގައި ކަމަށްވެސް ވިދާޅުވި އެވެ.
ޝާހިދު ވަނީ މަޖިލީހުގައި ފަސް ދައުރު، ޖުމްލަ 25 އަހަރު ހިދުމަތް ކުރެއްވުމުގެ ފުރުސަތު ދެއްވީތީ ވ. އަތޮޅުގެ ރައްޔިތުންނަށާއި، ކެޔޮދޫ ދާއިރާގެ ރައްޔިތުންނަށާއި، ހެންވޭރު އުތުރު ދާއިރާގެ ރައްޔިތުންގެ އިތުރުން އެމަނިކުފާނާއެކު އެކި ދައުރުތަކުގައި މަޖިލީހުގައި މަސައްކަތް ކުރެއްވި މެންބަރުންނަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި އެމަނިކުފާނު މަޖިލިސް ރައީސް ކަމުގައި ހުންނެވި ދުވަސްވަރު މަޖިލީހުގެ މުވައްޒަފުންނާއި މެންބަރުންގެ ފަރާތުން ލިބިވަޑައިގެންނެވި އެހީތެރިކަމާ އެއްބާރުލުން ފާހަގަކުރައްވާ އެބޭފުޅުންނަށްވެސް ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ