ރާއްޖޭގައި ހައްގުގެ ވެރިކަމެއް ނެތް ކަމަށާއި ރައްޔިތުން ނިކުމެ ވެރިކަމާ ހަވާލުވާން ވެއްޖެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމު ވިދާޅުވެއްޖެ އެވެ.
ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ޖުމްހޫރީޕާޓީ އާއި އެމްޑީޕީ ގުޅިގެން ޗާންދަނީ މަގު ދިރާގު ކަންމަތީ ގައި ވާހަކަ ދައްކަވަމުން ގާސިމް މިރޭ ވިދާޅުވީ، ކޯނީ ރިޕޯޓަށް ބަލާއިރު ރައްޔިތުން މިހާރުން މިހާރަށް ނުކުމެ ވެރިކަމާ ހަވާލުވާން ޖެހޭ ކަމަށާއި ހައްގު ވެރިކަމެއް ނެތުމުން އިސްތިއުފާ ދެއްވަން ޖެހޭ ބޭފުޅެއް ނެތް ކަމަށެވެ.
"ރައްޔިތުން ނިކުމެ ވެރިކަމާ ހަވާލުވާން ދާންވީ. ހައްގު ވެރިކަމެެއް މިހާރަކު ނެތް. އިސްތިއުފާ ދެއްވަން ޖެހޭ ބޭފުޅެއް ނެތް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ކުރީގެ ރައީސް މައުމޫނުގެ ކައުންސިލުގެ ރިޔާސަތުގައި އިންނަވައިގެން ޖުމްހޫރީޕާޓީ ވެރިކަމުގެ ކޯލިޝަނުން ބޭރު ކޮށްލަން ފާސް ކުރީ ކަމަށާއި މައުމޫނަކީ މިކަން ކުރުމުގައި އެންމެ އިސް ރޯލް ކުޅެއްވި އެއް ބޭފުޅާ ކަމަށެވެ. އަދި މި ސަރުކާރުގެ އިސްތިއުފާއަށް ގޮވުމުގެ އެއްވެސް މާނައެއް މިހާރު ނެތް ކަމަށާއި ވެރިކަން ކުރާނޭ ސައްޙަ ވެރިއަކު ނެތުމުން ގާނޫނު އަސާސީ ހުއްދަކުރާ ގޮތަށް މިނިސްޓުރީތައް އެއްބައިވެގެން ގައުމު އަމާނާތްތެރިކަމާއެކު ހިންގަންވީ ވަގުތު އަތުވެއްޖެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"މި ވެރިކަމުގެ ސައްޙަކަން ވަނީ ގެއްލިފައި. ރައީސް ޔާމީނު މިހާރުވެރިކަންކުރައްވަމުން އެ ގެންދަނީ ގާނޫނު ތަކާއި ޚިލާފަށް. މިވެރިކަން މިގޮތަށް އޮތަދީގެން ނުވާނެ. ރައްޔިތުންގެ ވެރިކަން ހޯދަން ރައްޔިތުން ދާންވީ." ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ، ސަރުކާރު އުފެދުނީ ޖުމްހޫރީ ޕާޓީގެ ހިއްސާ އާއި އެކުގައި ކަމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސަކު އިންތިހާބުކުރި ދުވަހުން ފެށިގެން ކޯލިޝަން ރޫޅިފައިވާ ކަމަށް ޕީޕީއެމް އިން ބުނެފައިވާ ކަމަށެވެ.އަދި ތާރީހުން ފެށިގެން މި ސަރުކާރުގެ ސައްހަކަން ގެއްލިފައިވާ ކަމަށް ވެސް ގާސިމް މިރޭ ވިދާޅުވި އެވެ.
މީގެއިތުރުން ގާސިމް ވިދާޅުވީ، މި ސަރުކާރުން ކުރިން އިސްތިއުފާދެއްވާފައި ހުންނެވި ރައީސަކަށް ދެވަނަ ފަހަރަށް ވެރިކަމަށް ކުރިމަތި ނުލެއްވޭގޮތް ހެދުމަށް މަސައްކަތް ކުރާއިރު، މި ރާއްޖޭގައި އިސްތިއުފާދެއްވި ރައީސަކަށް ހުންނެވީ ހަމައެކަނި ރައީސް ނަޝީދުކަމަށާއި އެހެންކަމުން އެކަމަކީ ކަނޑައެޅިގެން ނަޝީދަށް ހުރަސްއެޅުމުގެ ގޮތުން ގެންގުޅޭ ވިސްނުމެއް ކަމަށެވެ. އަދި ރައީސް ޔާމީނަށް، ރައީސް ނަޝީދަށް ވުރެ އިތުރަށް ލިބިފައިވަނީ އެންމެ 5000 ވޯޓު ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
"ރައީސް ޔާމީނުގެ ސަރުކާރުގެ ބޭފުޅުންނަށް ވެގެން އުޅުއްވާގޮތަކީ ވެރިކަމަށް އާދެވުމުން ދުނިޔެ ރަންވެގެން އުޅޭ ކަހަލަ ގޮތެއް. މިސަރުކާރަކީ ބޭނުމެއް ޖެހުމުން ހަމައެކަނި އެބޭނުމެއް ފުދުމުން އެ ކަންކަން ހަނދާން ނައްތައިލާ ސަރުކާރެއް. މި ސަރުކާރުގެ ކުރިމަތީގައިން މިނިސްޓަރުންގެ ވެސް، އަދި މަޖިލީހުގެ މެންބަރުންގެވެސް އަގެއް ނެތް" ގާސިމް ވިދާޅުވިއެވެ.
ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ޖުމްހޫރީޕާޓީ އާއި އެމްޑީޕީ ގުޅިގެން ޗާންދަނީ މަގު ދިރާގު ކަންމަތީ ގައި މިރޭ ބޭއްވި ބައްދަލުވުން ނިންމާލީ މާދަމާ ރޭ އެމްއެމްއޭ ކަންމައްޗަށް އެއްވާނެ ކަމަށް އިއުލާން ކުރުމަށް ފަހު އެވެ.
ހައްގު ވެރިކަމެެއް ނެތުމުން ރައްޔިތުން ނިކުމެ ވެރިކަމާ ހަވާލުވާން ވެއްޖެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ