ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލައިގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާ އިތުރު ބައެއްގެ މައްޗަށް އުފުލާފައިވާ ދައުވާ އަނބުރާ ގެންދިއުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.
އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިރޭ ޖުމްހޫރީ ޕާޓީން ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
ގާސިމް ވިދާޅުވީ ރައީސް ނަޝީދުގެ ވެެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރުމާއި ގުޅިގެން އެއީ ގާނޫނު އަސާސީއާ ހިލާފަށް ހިނގާފައިވާ ކަމަށްވާތީ ގާނޫނު އަސާސީއަށް ރުޖޫއަވުމަށް ނުވަތަ މަގާމުން އިސްތިއުފާ ދެއްވުމަށް ރައްޔިތުންނާ އޭރުގެ އިދިކޮޅު ފަރާތްތަކުން އެދުނު ކަމަށެވެ. އެގޮތަށް އެދުމާއި ގުޅިގެން ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދެއްވާފައިވާތީ މިހާރު އެމައްސަލަ ބެލުަމަކީ ހަމަޖެހޭ ކަމެއް ނޫން ކަމަށާ ނަޝީދު އިސްތިއުފާ ދެއްވުމަކީ ކުރެއްވި ކުށަށް ލިބިވަޑައިގެންނެވި އަދަބެއް ކަަމުގައިވެސް ގާސިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ މިހާރު އެމައްސަލަ ކުރިއަށްދަނީ ޒާތީ ގޮތެއްގައި ކަަމަށެވެ.
"އެހެންވީމާ ކޮބައިތޯ އޭނާގެ މައްޗަށް ހިންގަންވީ ޝަރީއަތެއް. ނެތޭ އެއްވެސް ޝަރީއަތެއް ހިންގާކަށް އެއްވެސް ޖާގައެއް.... ވަރަށް ސާބިތުކަމާއެކު އަޅުގަނޑު މިދަންނަވަނީ،" ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ އިންސާފަކީ ނަޝީދުގެ ޝަރީއަތް މިހާރު ނުހިންގުން ކަމަށެވެ. އަދި ވިދާޅުވީ މިހާރު އުފުލާފައިވާ ދައުވާއާއި ގުޅިގެން ނަޝީދަށް ވެރިކަމަށް ކުރިމަތިނުލެއްވޭނެ އެއްވެސް ސަބަބެއް އޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
ގާސިމް ވަނީ ރައީސް ނަޝީދުގެ ޝަރީއަތް އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓަ ޖެނަރަލަށް ވެސް ގޮވާލައްވާފަ އެވެ.
"އަޅުގަނޑު ޕްރޮސިކިއުޓަ ޖެނެރަލަށް އިލްތިމާސްކޮށް ދަންނަވާލަން އޮތީ ދިވެހި އެއްވެސް ރައްޔިތެއްގެ މައްޗަށް އަނިޔާވެރި ދައުވާއެއް ނުކުރައްވާށޭ. އެހެންވެ އަވަހަށް [ނަޝީދުގެ މައްސަލަ] އަނބުރާ ގެންދަވައި ފައިލް ކުރައްވާށޭ. ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން އެޗެޕްޓަ ކްލޯޒް ކުރައްވާށޭ" ގާސިމް ވިދާޅުވި އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުންތައް ހުއްޓިފައިވަނީ އެ މައްސަލަ ބަލާ ހުޅުމާލޭ ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ކަނޑައެޅީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ނަޝީދުގެ ފަރާތުން ހައިކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައިވާތީ އެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލައިގައި ދައުވާ ކުރަނީ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ކުރީގެ ޑިފެންސް މިނިސްޓަރު ތަލްހަތް އިބްރާހިމް ކަލޭފާނާއި، މިހާރުގެ ޑިފެންސް މިނިސްޓަރު އަދި ކުރީގެ ޗީފް އޮފް ޑިފެންސް މޭޖަ ޖެނަރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލާއި، ކުރީގެ ބްރިގޭޑިއަ ޖެނަރަލް (ރިޓަޔާޑް) އިބްރާހިމް ދީދީއާއި، ކުރީގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށެވެ.
ނަޝީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ގެންދިއުމަށް ގާސިމް ގޮވާލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ