ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ސިނާންގެ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް އިއުލާންކޮށްފި އެވެ.
މެމްބަރު ސިނާންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިނާނާއި އިތުރު މީހަކު ބައިވެރިވެގެން މޯލްޑިވްސް އިސްލާމިކް ބޭންކުން އިން ނެގި ލޯނަކަށް 2.5 މިލިއަން ރުފިޔާ ދައްކަން މިދިިޔަ އަހަރުގެ އޮކްޓޫބަރު މަހު ސ. ހިތަދޫ ކޯޓުން ހުކުމް ކުރުމުން އެ ހުކުމާ އެއްގޮތަށް އޭނާ ފައިސާ ނުދައްކާ ކަމަށް ބުނެ އެވެ. އެ މައްސަލަ ހުށަހެޅީ ޣާލިބް ސަލީމް ކިޔާ އާންމުންގެ މީހެކެވެ.
އެ މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުގެ ވާހަކަތައް އަޑުއެހުމަށްފަަހު ވަރަށް އަވަހަށް މައްސަލާގެ ހުކުމް އިއްވަން މަސައްކަތް ކުރާނެ ކަމަށް ފަސް ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި އެވެ.
ޣާލިބް ސަލީމްގެ ވަކީލް އިބްރާހިމް ޝިޔާމް ވިދާޅުވީ ފައިސާ ނުދެއްކި އޮތީ ހުކުމްކުރިކަން ނޭނގި އޮތުމުން ކަމަށް ސިނާންގެ ފަރާތުން ބުނި ނަމަވެސް ހުކުމް ކުރިތާ އެއް ދުވަސް ފަހުން ސިނާނަށް ވައިބާ މެދުވެރިކޮށް ކޯޓުން ހުކުމް ފޮނުވި ކަމަށެވެ. އަދި ސިނާންގެ ފަރާތުން ފައިސާ ދެއްކެވީ ހުކުމާ އެއްގޮތަށް ފައިސާ ނުދައްކާތީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބޭންކުން ހުކުމް ތަންފީޒު މައްސަލަ ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.
ސިނާންގެ ވަކީލް މޫސާ އާލިމް ވިދާޅުވީ ހުކުމެއް އޮތްކަން ސިނާނަށް އެނގިވަޑައިގަތީ މިދިޔަ ޖެނުއަރީ މަހު ކަމަށާއި އަދި އީމެއިލް އާއި ވައިބާ މެދުވެރިކޮށް ހުކުމެއް އޮތްކަމުގެ މެސެޖް ލިބުނުކަން ކުރިން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށް އާލިމް ވިދާޅުވި އެވެ.
ހުކުމް ތަންފީޒު މައްސަލަ އަނބުރާ ގެންދިޔައީ ވެސް ފައިސާ ދެއްކުމުން ބޭންކުން އަމިއްލައަށް ކަމަށް ވެސް އާލިމް ވިދާޅުވި އެވެ. އަދި ހުކުމުގައި ބުނާ ކޮންމެ މަހެއްގެ ތެރޭގައި ފައިސާ ނުދެއްކި ނަމަވެސް ކޯޓުން ދިން ޖުމްލަ ހަ މަސް ދުވަހުގެ ތެރޭގައި ހުރިހާ ފައިސާއެއް ދައްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
މެމްބަރު ސިނާންގެ ގޮނޑީގެ މައްސަލާގައި ދެން އޮތީ ހުކުމް އިއްވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ