އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ނާޒިލް، ނައިބަކަށް ފިއްޓެ އާއި އަހުމަދު ދީދީ

ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރަކަށް އައްޑޫ ސިޓީގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް މިއަދު އިންތިހާބުކޮށްފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ބޭއްވި ވޯޓުގައި ޑެޕިއުޓީ ޕީޖީ ލީޑަރުކަމަށް އިންތިހާބުކުރީ މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ އިންތިހާބީ މެމްބަރު ހުސެއިން ޒިޔާދު (ފިއްޓެ) އާއި މަރަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަހުމަދު ދީދީއެވެ.
ނާޒިލްއަކީ އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ދެވަނަ ދައުރެއް ލިބިވަޑައިގެންނެވި މަދު މެމްބަރުންގެ ތެރެއިން އެއް މެމްބަރެވެ. އަދި އޭނާއަކީ އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ އައްޑޫ އިން މި ފަހަރު ގޮނޑި ދިފާއު ކުރެއްވުނު ހަމައެކަނި މެމްބަރެވެ. މިއީ ފިއްޓެގެ ވެސް ދެވަނަ ދައުރެވެ.
މަރަދޫ ދާއިރާ އަށް އަހުމަދު ދީދީ އިންތިހާބުވެވަޑައިގެންފައި ވަނީ މުޅިން އަލަށެވެ.
ސެކްރެޓަރީ ޖެނެރަލަކަށް އިންތިހާބުކުރީ ގަލޮޅު އުތުރު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އޭނާގެ ޑެޕިއުޓީއަކަށް އިންތިހާބުކުރީ މާވަށު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ޝާކިރެވެ.
އެމްޑީޕީ ޕީޖީގެ ޗީފް ވިޕަކީ ތޮއްޑޫ ދާއިރާގެ އިންތިހާބީ މެންބަރު ހުސެއިން ސަމީރެވެ. ވިޕުންންގެ ގޮތުގައި އިންތިހާބުކޮށްފައި ވަނީ މަޖިލިހުގެ ކަނޑިތީމު ދާއިރާގެ އިންތިހާބީ މެމްބަރު އަމީން ފައިސަލާއި ކެޔޮދޫ ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު ނިއުޝާދެވެ.
މިފަހަރުގެ މަޖިލިހުގައި 93 ގޮނޑީގެ ތެރެއިން އެމްޑީޕީ އަށް ނެގިފައިވަނީ އެންމެ 12 ގޮނޑިއެވެ.
ވިހި ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވި މެންބަރުން ހުވާ ކުރުމުގެ ޖަލްސާ މާދަމާ ބާއްވަން ހަމަޖެހިފައިވާއިރު، މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް އިންތިހާބު ކުރުން ވެސް އޮންނާނެއެވެ.
ވެރިކަން ކުރާ މައި ޕާޓީ، އަދި މަޖިލިހުގެ ސުޕާ މެޖޯރިޓީ ހޯދާފައިވާ ޕީއެންސީން ނިންމާފައި ވަނީ މަޖިލީހުގެ ރައީސް ކަމަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމް އިންތިހާބުކުރާށެވެ. އެ ޕާޓީގެ ޕީޖީ ލީޑަރު ކަމަށް އިންތިހާބު ކޮށްފައިވަނީ އިނގުރައިދޫ ދާއިރާގެ އިންތިހާބީ މެންބަރު އިބްރާހިމް ފަލާހެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ