ކޮޅިގަނޑެއް އުފެދެމުންދާތީ ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖެއަށް މޫސުން ގޯސް

ހުކުރު ދުވަހުގެ ނިޔަލަށް މޫސުން ވަރަށް ބޮޑަށް ގޯސްކަމަށާއި އެހެންކަމުން އެންމެހައި ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ. ހުޅަނގު މޫސުން މިމަހުގެ 9 ވަނަ ދުވަހު ފެށުމާއިއެކު ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ވަނީ ގޯސްވެފައެވެ.
މޫސުމާއި ބެހޭ އެންމެ ފަހުގެ މައުލޫމާތު ޕީއެސްއެމް ނިއުސްއަށް ހިއްސާކުރައްވަމުން މެޓް އޮފީހުގެ އެސިސްޓަންޓް މީޓިއޮރޮލޮޖިސްޓް ހުސައިން ވަހީދު ވިދާޅުވީ، ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވަރަށް ބޮޑަށް ވައިގަދަކަމަށެވެ. މި ވިއްސާރައަކީ ހުޅަނގު މޫސުމުގެ ބާރު ރާއްޖޭގެ ސަރަހައްދުގައި ގަދަވުމުގެ ސަބަބުން ކުރަމުންދާ ވިއްސާރައެއްކަމަށް އޭނާ ވިދާޅުވިއެވެ.
ހުސައިން ވަހީދު ވިދާޅުވީ، ބޭއޮފް ބެންގޯލް ސަރަހައްދުގައި ކޮޅިގަނޑެއް އުފެދެމުންދާކަމަށެވެ. އެހެންކަމުން ކުރިއަށްއޮތް 3 ދުވަހުވެސް ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށެވެ. މި ކޮޅިގަނޑު މާދަމާ، 22 މެއި ގައި އިތުރަށް ބާރުގަދަވެގެންދާނެކަމަށް ބެލެވޭކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އެއަށްފަހުގައި މި ކޮޅިގަނޑު ބޭއޮފް ބެންގޯލްގެ މެދުތެރެއަށް ދަތުރުކުރާނެކަމަށް ލަފާކުރެވެނީ މިމަހުގެ 24 ވަނަ ދުވަހުކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"މި ކޮޅިގަނޑާއި ގުޅިގެން އުފެދިފައިވާ ލޯ ޕްރެޝަރ ޓްރަފް ރާއްޖެ ސަރަހައްދުގައި ހުރުމާއިއެކު މިހާ ބޮޑަށް ވައިގަދަވެ މޫސުން ގޯސްވެފައި މިވަނީ. އަޅުގަނޑުމެންނަށް ލަފާކުރެވޭގޮތުގައި މި ކޮޅިގަނޑުގެ ވައި އަދިވެސް ހަމަ ކޮޅިގަނޑު އިތުރަށް ބާރުގަދަ ވެގެންދިއުމާއިއެކުގައި ހާއްސަކޮށް ކުރިއަށްއޮތް 3 ދުވަސް މުޅި ރާއްޖެ ސަރަހައްދުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި އެންމެ ބޮޑަށް މޫސުން ގޯސްވެގެންދާނީ. އެވްރެޖްކޮށް 17 މޭލާއި 27 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ. އަދި 60 މޭލަށް ވައިގަދަވެގެންދާނެކަމަށް އެބަ ލަފާކުރެވޭ. އެހެންވީމަ ހުކުރު ދުވަހުގެ ނިޔަލަށް މޫސުމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވަން އެބަޖެހޭ." ހުސައިން ވަހީދު ވިދާޅުވިއެވެ.
ކުރިއަށްއޮތް 3 ދުވަހު މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ