މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ އާއި ހުޅުމާލެ ފޮގް ކުރަނީ

މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް މި ދުވަސްކޮޅު އިތުރުވެފައިވާތީ މަދިރި ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ އާއި ހުޅުމާލެ ފޮގް ކުރަން ފަށައިފިއެވެ.
މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން މާލެ އާއި ހުޅުމާލެ ފޮގް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މާލެސިޓީ ކައުންސިލުން މީގެ  5 ވަރަކަށް ދުވަސްކުރިން ވަނީ ހަރަކާތެއްވެސް ކުރިއަށް ގެންގޮސްފައެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާ ދުވަސްވަރަކަށްވާތީ، މަދިރި އާލާވާފަދަ ތަންތަން ނައްތާލުމަށް އިސްކަމެއްދީ، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް މާލެ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކުރައްވާފައެވެ.
މާލެސިޓީ ސިޓީ ކައުންސިލްގެ އިތުރުން އެޗްޑީސީން ވެސް ފަށާފައިވާ މި ހަރަކާތުގައި އެ ކޯޕަރޭޝަނުން ވަނީ މަދިރީގެ ޒަރީއާއިން ޖެހޭ ބަލިތައް ގިނަވުމާ ގުޅިގެން ހުޅުމާލޭގެ އެކި ސަރަހައްދުތައް ފޮގްކުރުމުގެ މަސައްކަތް ފަށާފައެވެ.
މިދިޔަ މަހު އެކަނިވެސް މަދިރީގެ ޒަރީއާއިން ޖެހޭ ބައްޔެއް ކަމަށްވާ ޗިކުން ގުންޏާގެ 129 ކޭސް ރިޕޯޓުކޮށްފައިވާކަމަށާއި މިއަހަރު ޖުމްލަ 134 ކޭސް އެ އިދާރާއަށް ހުށަހަޅާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މައުލޫމާތުދެއެވެ. މީގެ ތެރެއިން 4 ކޭސް އެއް ފިޔަވާ ދެން ހުރި ހުރިހާ ކޭސް އެއް މާލެ ސަރަހައްދުން ފެނިފައިވާއިރު، މި ބަލި ޖެހުމުން ހުން އައުމާއިއެކު ބޮލުގައި ރިއްސައި ހުޅުތަކުގައި ރިއްސުން ފަދަ އަލާމާތްތައް ފެންނާނެއެވެ.
އެހެންކަމުން، މި ބަލިން ރައްކާތެރިވުމަށްޓަކައި މަދިރި ގިނަވާ ވަގުތުތަކުގައި ކުޑަދޮރުތައް ލެއްޕުމާއި ބޭރަށް ނިކުންނައިރު މީހާގެ ހަންގަޑު ފޮރުވޭފަދަ ހެދުން އެޅުމަކީ މުހިންމު ކަމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ