މީހަކު ކުށެއް ކުރުމުން ނާޖާއިޒު ފައިދާނަގައި އެމީހާ ފަޟީހަތްކުރުމަކީ ކޮށްގެންވާނެ ކަމެއްނޫން: ރައީސް

މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި ޢާއްމުންގެ ތެރޭގައި އެމީހަކު ފަޟީހަތްކޮށް ހެދުމަކީ، އެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއްނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މީހަކަށް ކުރެވޭ ކުށެއްގެ ނާޖާއިޒު ފައިދާ ނަގައި އެއްވެސް މަޤްޞަދެއް ހާސިލުކުރުމަށް އެކަމެއް ވީޑިއޯކޮށް ޢާއްމުންގެ ތެރޭގައި މީހާ ފަޟީހަތްކޮށް ހެދުމަކީ، އަޚްލާޤީ ގޮތުންނާއި އިޖްތިމާޢީގޮތުން ބަލާއިރުވެސް ކޮށްގެންވާނޭ ކަންކަމެއްނޫންކަމަށެވެ.
ކުށެއް ކޮށްފި މީހަކާމެދު ކަންކުރާނޭ ގޮތް ޤާނޫނުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެފަދަކަންކަމާ ގުޅިގެން ފިޔަވަޅު އަޅަން މުއައްސަސާތަކާއި ޤާނޫނީ ނިޒާމު ޤާއިމް ކުރެވިފައިވާކަމަށެވެ.
އެފަދަ ހާލަތްތަކުގައި ދީނީ ގޮތުންނާއި އިޖްތިމާޢީގޮތުން އަޅުގަނޑުމެން ބަލައިގަނެ އަމަލުކުރަމުންގެންދާ ރިވެތި މިންގަނޑުތައް ދޫކޮށްލައި ޤާނޫނުގެ ވެރިކަން އަމިއްލަ އަތްމައްޗަށް ނެގުމަކީ މުޖްތަމަޢުން ނައްތާލަން މަސައްކަތްކުރާ ބަދަލު ހިފުމުގެ ރޫޙު ނައްތާލުމަށްވެސް އެޅޭ ހުރަހަކަށްނޫނީ ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ،
ރައީސް މިކަމާގުޅޭގޮތުން ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓް ނިންމަވާލެއްވީ އަޅުގަނޑުމެން އެންމެންނަކީ އޯގާތެރި، ކުލުނުވެރި، އަދި ޒިންމާދާރު މުޖުތަމަޢެއް ބިނާކުރުމުގައި ޒިންމާދާރު ބަޔަކަށްވުމަށް އެދިވަޑައިގަންނަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ޙިއްސާކޮށްފައިމިވަނީ ފަހަކަށްއައިސް މީހުންކުރާ ކުށްތައް ދެއްކުމަށް ސޯޝަލް މީޑިއާގައި އެކަންކަމާ ގުޅޭ ވީޑިއޯތައް އާންމުކޮށް ކުށްކުރާ މީހުންނަށް އަދަބުނިމުގެ ގޮތުން އާންމު ފަރާތްތަކުން ހިންގާ އަމަލުތައް ކޮންމެވެސް ވަރަކަށް އިތުރުވެ އެކަމުގެ ކަންބޮޑުވުން އެކިފަރާތްތަކުން ފާޅުކުރަމުންގެންދާ ދުވަސްކޮޅެއްގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ