އިންޖީނުތައް މެއިންޓެއިންކޮށް ރަނގަޅަށް ބެލެހެއްޓިނަމަ ކުޅުދުއްފުށި މިހާލަތަކަށް ނުދާނެ: ފަހުމީ

ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަނުން ކުޅުދުއްފުށީ އިންޖީނުތައް ރަނގަޅަށް މެއިންޓެއިންކޮށް ބަލަހައްޓާފައި ނުވުމުގެ ނަތީޖާ މިއަދު ކުޅުދުއްފުށި ސިޓީގެ ރައްޔިތުން ތަހައްމަލް ކުރަންޖެހިފައިވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)ގެ އެމްޑީ ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ކުޅުދުއްފުށި ސިޓީގެ ތިން ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ސިިޓީން އިއްޔެ ހެނދުނު ވަނީ ކަރަންޓު ކެނޑިފައެވެ. އެ ސިޓީގެ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދާފައިވާ ކަމަށް ފެނަކައިން ބުނެފައިވެއެވެ. އެ މައްސަލަ ހައްލުކުރެވުނީ ރޭގެ ވަގުތެއްގައެވެ.
މައްސަލަ ހައްލު ކުރީ ފެނަކައިގެ އެދުމުގެ މަތިން ސްޓެލްކޯގެ ޓީމެއް ކުޅުދުއްފުށްޓަށް ފޮނުވައިގެންނެވެ. އެކަމަކު މިއަދު ވެސް ރަށުން ކަރަންޓު ކެނޑުނު އިރު މިހާރު އެ މައްސަލަ ވެސް ވަނީ ހައްލުކޮށްފައެވެ.
މިކަމާ ގުޅިގެން ފަހުމީ އަށް ވިދާޅުވީ ކުޅުދުއްފުށިން ކަރަންޓު ކެނޑެން ދިމާވި މައްސަލައަކީ މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖަނަރޭޓަރު ތަކާއި ޓްރާންސްފޯމަރުތަކާއި ދެންވެސް ގަވާއިދުން މެއިންޓެއިންކޮށް ސާވިސްކޮށްފައިނުވާ ކަމަށެވެ.
"ކުރީ ސަރުކާރުން ނެތް މި އިންޖީނުގޭގެ އެއްވެސް މެއިންޓެނެންސެއް ކޮށްފައި. އެވަރަކަށް މީހުން ތަމްރީނުކޮށްފައެއްވެސް ނެތް. މިތާގައި މި އޮންނަ އުސޫލަކީ އެއްޗެއް ހަލާކުވީމަ ސާވިސްކޮށްލާ އުސޫލު. އޭގެ ބަދަލުގައި ޝެޑިއުލްކޮށްގެން ކޮންމެ މަހަކު މެއިންޓެއިންކޮށް ސާވިސް ކުރާނަމަ މިހެން ދިމާނުވީސް." އޭނާ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ، ރަށްތަކުން މިގޮތަށް ކަރަންޓު ކެނޑެން މި ދިމާވަނީ މިހާރު ވެރިންނަށް ތިބި މީހުންގެ އިހުމާލުން ނޫން ކަމަށާއި އަދި މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިހުމާލުން ހިނގާ ކަންކަމެއްވެސް ނޫން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ