ވަޅި ހިފައިގެންގޮސް އުމަރު ނަސީރަށް މަރުގެ އިންޒާރުދީފި

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިއުލާން ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އޮފީސް ހުންނަ ހ. ސަކީނާމަންޒިލް ކައިރިއަށްގޮސް ތިން މީހަކު އޭނާ އަށް މަރުގެ އިންޒާރުދީފި އެވެ. އުމަރު މިރޭ ސަން އަށް ވިދާޅުވީ މިރޭ 1:00 ހާއިރު އޭނާ އަށް މަރުގެ އިންޒާރުދިނީ ވަޅި ހިފައިގެން ދިޔަ ގޭންގުތަކަށް ނިސްބަތްވާ ތިން މީހުންގެ ގްރޫޕަކުން ކަމަށެވެ. މިރޭ އެކިގަޑިތަކުގައި އޭނާ ފެނޭތޯ ސަކީނާ މަންޒިލް ސަރަހައްދުގައި އެ ތިން މީހުން ފާރަލާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ. "ސަކީނާމަންޒިލްގެ ބޭރުގައި އަޅުގަނޑުގެ ސެކިއުރިޓީން ތިއްބައި ވަޅި ހިފައިގެން އެ ތިން މީހުން އެތަނަށް ގޮސް ހަޑިހުތުރުބަހުން ވާހަކަދައްކަމުން ބުނީ ތިޔައީ އުމަރު ނަސީރުގެ ސެކިއުރިޓީންދޯއޭ. އޭނައަކީ އަހަރުމެންގެ ފައިގައި ޓެގް އަޅުވަން އުޅުނު މީހެކޭ. އޭނަ މަރާލާނަމޭ،" އުމަރު ވިދާޅުވި އެވެ. އެ ތިން މީހުން ވެސް މަރުގެ އިންޒާރުދިނީ މަސްތުގެ ހާލަތުގައި ތިބެގެން ކަމަށާއި އެ މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ