ދަރަނި އިތުރުވާތީ އެމްޑީޕީގެ ކަންބޮޑުވުން، "ދައުރު ނިމޭއިރު 200 ބިލިއަނަށް އަރާނެ" ދަރަނި އިތުރުވާތީ އެމްޑީޕީގެ ކަންބޮޑުވުން، "ދައުރު ނިމޭއިރު 200 ބިލިއަނަށް އަރާނެ"

މި ސަރުކާރުގެ ދަރަނި ނެގުން ހުރީ ކަންބޮޑުވާ މިންވަރެއްގައި ކަމަށާއި ދައުރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަަރަނި 200 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް އިދިކޮޅު އެމްޑީޕީން އިއްޔެ ބުނެފި އެވެ.
އެމްޑީޕީގެ އިގުތިސޯދީ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ދެ އަހަރުގެ ތެރޭގައި ޖުމުލަ ދަރަނި 35 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ބަޖެޓު އަންދާޒާތަކުން ދައްކާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައިވާ ގޮތުގައި އަހަރު ނިމޭއިރު ޖުމުލަ ދަރަނި ހުންނާނީ 158 ބިލިއަން ރުފިޔާގަ އެވެ. މިއީ މި އަހަރަށް ފާސްކުރި ބަޖެޓުގައި އަންދާޒާ ކުރި 149 ބިލިއަން ރުފިޔާއަށް ވުރެ ނުވަ ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވީ އަހަރު، 2023، ނިމުނުއިރު ދަރަނި ހުރީ 125 ބިލިއަން ރުފިޔާގަ އެވެ.
މި އަދަދުތަކަށް އިޝާރާތްކުރައްވަމުން އަމީރު ވިދާޅުވީ، ދަރަނީގެ މިސްރާބު މިހާރު ހުރި ގޮތުން ކޮންމެ އަހަރަކު ދަރަންޏަށް 15 ބިލިއަނާއި 20 ބިލިއަން ރުފިޔާގެ އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ސަރުކާރުން ބަޖެޓުގައި އަންދާޒާ ކުރާ 171 ބިލިއަން ރުފިޔާއަށް މާ ބޮޑަށް ވެސް ދަރަނި އިތުރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ހުށަހަޅާފައިން ބަޖެޓުތަކަށް ބަލާއިރު 2028 ވަނަ އަހަރު ނިމޭއިރު މި ދައުރުގެ ތެރޭގައި ޖުމުލަ ދަރަނި 200 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް. އަދި މި ސަރުކާރުން ގާތްގަނޑަކަށް 75 ވަރަކަށް ބިލިއަން ރުފިޔާ ދަރަންޏަށް އިތުރުކުރާނެ ކަމަށް ބެލެވޭ،" އަމީރު ވިދާޅުވި އެވެ.
މިއީ މިދިޔަ ފަސް އަހަރުގެ ތެރޭގައި، އެމްޑީޕީގެ ވެރިިކަމުގައި، ދައުލަތުގެ ދަރަންޏަށް އިތުރުވީ 60 ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެކެވެ.
ދަރަނީގެ މައްސަލައިގައި އަމީރު ވަނީ ސަރުކާރުން އޮޅުވާލަމުން ގެންދާ ކަމަށް ވެސް ތުހުމަތުކުރައްވާފަ އެވެ. ސަރުކާރުން ބުނާ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބަޔެއް ހޭދަކުރަން ޖެހިފައި ވަނީ ދަރަނި ދައްކާށެވެ. ނަމަވެސް މާލީ ހިސާބުތަކުން ފެންނަނީ ދަރަނި ނަގައިގެން ދަރަނި ދައްކަމުންދާ މަންޒަރު ކަމަށް އަމީރު ވިދާޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓަށް ފައިނޭންސް ކުރަން ޖެހޭ 26 ބިލިއަން ރުފިޔާގެ ތެރެއިން ގާތްގަނޑަކަށް 13 ބިލިއަން ރުފިޔާ ނޫނީ ދެ ބައި ކުޅަ އެއް ބައި ހޯދަނީ ދަރަނި ދެއްކުމަށެވެ. އަނބުރާ ދައްކަން ޖެހޭ ދަރަނީގެ ތެރެއިން ބޮޑު ބަޔެއް ހިއްސާކުރަނީ ބޭރުގެ ދަރަންޏެވެ.
މި ދަރަނީގެ ތެރޭގައި އޭޕްރިލްގައި ސުކޫކަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރު (9.2 ބިލިއަން ރުފިޔާ) ހިމެނެ އެވެ. އަދި، އަބޫދާބީ ފަންޑަށް ދައްކަން ޖެހޭ 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ވެސް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ