އުކުޅަހުން ގެއްލުނު ފަތުރުވެރިޔާ އަދިވެސް ނުފެނޭ، ލަފާކުރެވެނީ މޫދަށް ގެއްލުނީ ކަމަށް: ކައުންސިލް
އއ. އުކުޅަހުން މިދިޔަ އަންގާރަ ދުވަހު ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށާއި، ބޮޑަށް ބެލެވެނީ މޫދަށް ގެއްލުނީ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ. ގެއްލިފައިވަނީ، ރޯމަން ލުރޮޗްކިން ކިޔާ، 48 އަހަރުގެ ރަޝިއާ މީހެކެވެ. އުކުޅަހު ކައުންސިލުން އިއްޔެ ބުނީ އެ މީހާއަކީ އެ ރަށު 'ލަ ޕަލްމާ ސޫޓްސް'ގައި ހުރި މީހެއް ކަމަށާއި އޭނާ ފުރަން އޮތީ އިއްޔެ ކަމަށެވެ. ނަމަވެސް އޭނާގެ ޚަބަރެއް ވެފައިނުވާ ކަމަށާއި، އޭނާ އެންމެ ފަހުން ފެނިފައިވަނީ އަންގާރަ ދުވަހުގެ ހަވީރު ކަމަށް ކައުންސިލުން ބުންޏެވެ. އަދި އޭނާގެ ފޯނާއި އެހެނިހެން ތަކެތި އޭނާގެ ކޮޓަރީގައި ހުރި ކަމަށް ވެސް ކައުންސިލުން ބުންޏެވެ. އެކަމާ ގުޅޭގޮތުން މިއަދު 'ސަން' އާ ވާހަކަދައްކަވަމުން އުކުޅަހު ކައުންސިލް ރައީސް ޝައުކަތު އިބްރާހީމް ވިދާޅުވީ ފަތުރުވެރިޔާ އަދިވެސް ފެނިފައި ނުވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން މިވަގުތު ކުރަމުންދާ ކަމަށެވެ. https://sun.mv/215446 ޝައުކަތު ވިދާޅުވި ގޮތުގައި ލަފާކުރެވެނީ ފަތުރުވެރިޔާ މޫދަށް ގެއްލުނީ ކަމަށެވެ. ނަމަވެސް އަދި ޔަގީން ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ގެއްލުނު ކަމަށް ބެލެވޭ އަންގާރަ ދުވަހު މޫސުން ވެސް ރީތި ކަމަށާއި، ކަނޑު ވެސް ގަދަ ނޫންކަން ޝައުކަތު ފާހަގަކުރެއްވިއެވެ. އުކުޅަހު ކައުންސިލުން ވަނީ އެ މީހާއާ ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ ލަ ޕަލްމާ ސޫޓްސްގެ ނަންބަރު 9646363އަށް ނުވަތަ އުކުޅަހު ޕޮލިސް ޑެސްކް 9553510އަށް ގުޅުމަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ