މަރުވުމަކީ ތިމާގެ ނިމުންކަމަށް ހީވެސް ނުކުރާށެވެ! ފުރާނައަށް ނިމުމެއް ނެތްއިރު ގަދަފަދަ ޢަޛާބަށް އެއްލައި ނުލާށެވެ!

މިއަދު މީސްތަކުން މިތިބެނީ މަރާއިމެދު ޣާފިލުވެގެންނެވެ. އުމުރުގައި ގިނަ ދުވަސްތަކެއް ބާކީ އެބައޮތްކަމަށް އުންމީދުކޮށްގެންނެވެ. އެހެންކަމުން މިތިބެވެނީ ހެޔޮ އަމަލުތައް ކުރުމަށް ޣާފިލުވެގެންނެވެ. ހިތާމައަކީ އެ ޣާފިލުކަންމަތީގައި ތިއްބައި މަރު އައިސް އަހަރެމެންނާއި ބައްދަލުކުރާ ކަމެވެ. ދުނިޔެއިން ބަރުޒަޚުގެ ޢާލަމަށް ބަދަލުވާންޖެހޭ ކަމެވެ.  
މަރުވުމުން ކޮންމެ މީހަކު ވެސް އެދޭނީ އަލުން ދުނިޔެއަށް އައިސް އެންމެ ސަޖިދައެއް ނަމަވެސް ޖަހައިލުމުގެ ފުރުޞަތަކަށެވެ. ނަމަވެސް އެއީ އެއްވެސް މީހަކަށް ލިބޭނެ ފުރުޞަތެއް ނޫނެވެ. އެފުރުޞަތު މިއަދު އެބައޮތެވެ! ވީމާ ވީހައި ގިނަ ސަޖިދަކޮށް ވީހައި ގިނަ ހެޔޮ އަމަލުތައް ކުރަން މިއަދު ގަދައަޅައި މަސައްކަތްކުރާށެވެ. ކޮންމެ ވަގުތަކުވެސް ދުނިޔެ ދޫކޮށް ބަރުޒަޚުގެ ޢާލަމަށް ބަދަލުވާން ޖެހިދާނެ ކަމަށް ތައްޔާރުވެގެން ހުންނާށެވެ! 
މަރަށް ފިލަން އެއްވެސް މީހަކަށް މީހަކަށް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. މަރުވުމުގެ ވަގުތު ލަސްކުރަންވެސް ކުރެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެއްވެސް މީހަކަށް އެމީހަކު މަރުވާނެ ވަގުތެއް ނުއެނގޭނެއެވެ. މިސާލަކަށް އެއްވެސް މީހަކަށް އެމީހަކު މިރޭ ނުވަތަ މަރުވާނެކަން އެނގޭނަމަ އެހެން އެއްވެސް ކަމެއް ނުކޮށް ގަދައަޅައި މަސައްކަތްކުރާނީ ވީހައި ގިނަ ހެޔޮ އަމަލުކުރުމަށެވެ.  
މަރުވުމަކީ އެއްވެސް މީހެއްގެ ނިމުމެއް ނޫނެވެ! މަރުވުމަކީ ހަމައެކަނި މިދުނިޔޭގައި ހޭދަކުރާ ޙަޔާތުގެ ނިމުމެވެ. މަރުވުމާއިއެކު މިދުނިޔެއިން ބަރުޒަޚްގެ ޢާލަމަށް ބަދަލުވެއެވެ. ވީމާ މަރުވުމަކީ އެއްވެސް މީހެއްގެ ނިމުމެއް ނޫނެވެ. މަރުވުމަކީ ދުނިޔަވީ ހަޔާތް ނިމި ބަރުޒަޚުގެ ޢަލަމް ފެށުމެވެ. އެއީ ޤިޔާމަތްވުމާއި ހަމައަށް ކައްވަޅުގައި ދެމިގެންދާ ހަޔާތެވެ. އެއްވެސް މީހަކަށް ނުއެނގެނީ ބަދަލުވާން ޖެހޭނެ ވަގުތެވެ. އަބަދުވެސް މަރަށް ތައްޔާރުވެގެން ތިބެން ޖެހެނީ އެ ސަބަބަށްޓަކައެވެ.  
މަރުވަނީ ވަކި އުމުރެއްގައެއް ނޫނެވެ. އެއީ ޢުމުރުން ދުވަސްވެގެން ވާކަމެއް ނޫނެވެ. ދާދި ފަހަކާއި ޖެހެންދެން އަޅުގަނޑުމެންނާއިއެކު ދިރިއުޅުނު އެތައް ބައަކު މިހާރު ވަނީ ނިޔާވެފައެވެ. މަރުވެގެން ވަޅުލެވިފައެވެ. އެމީހުން މިހާރު އެވަނީ ދުނިޔެއިން ބަރުޒަޚުގެ ޢާލަމަށް ބަދަލުވެފައެވެ.  
މަރަށް ތައްޔާރުވުމަށްޓަކައި ގިނަގިނައިން މަރުހަނދާންކުރަން ޖެހެއެވެ. އެހެންކަމުން ރަސޫލް (ﷺ) ވަނީ ގިނަގިނައިން ޤަބުރުސްތާނުތަކަށް ޒިޔާރްތްކުރުމަށް ޙަދިޘްފުޅު ކުރައްވަވައިފައެވެ. އެއީ ޤަބުރުސްތާނުތަކަށް ޒިޔާރަތް ކުރުމަކީ މަރުހަނދާންވާ ކަމަކަށްވާތީއެވެ. ނަމަވެސް ހިތާމައަކީ މިއަދު އަޅުގަނޑުމެން ޤަބުރުސްތާނުތައް ކައިރިން ދާއިރުވެސް ޤަބުރުސްތާނުތަކަށް ބަލައި ނުލެވޭކަމެވެ. މަރުހަނދާންކުރަން މަސައްކަތް ނުކުރެވޭނެއެވެ. 
 
- ޝައިޚް އާދަމް ނިޝާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ