މަސްތުވާތަކެތީގެ މުއާމަލާތުކުރުމުގެ ކުށުގައި ގދ. ތިނަދޫ ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު 15 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އިބްރާހިމް ރަޝީދު، 46، ގެ މައްޗަށް ޑައިމޯފިންއިން މުއާމަލާތް ކުރުމުގެ ދައުވާ އުފުލީ، މެއި 28، 2016 ވަނަ ދުވަހު މެންދަމު ގދ. ތިނަދޫގައި، އޭނާ މަސްތުވާތަކެތި ގެންގުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އޭނާ ހުރި ތަނަށް ގޮސް އޭނާ ހުއްޓުވަން އުޅެނިކޮށް އޭނާ އެއްލާލި ކަމަށް ބުނާ ރަބަރު ޕެކެޓަކުން 0.0123 ގްރާމްގެ ޑައިމޯފިން ފެނުނު މައްސަލައެއްގަ އެވެ.
މަސްތުވާތަކެއްޗަށް ދެވިހިފާފައިނުވާ މީހެއްގެ އަތުން ދެ ގްރާމަށް ވުރެ މަދުން މަސްތުވާއެއްޗެއް ފެނިއްޖެ ނަމަ ބެލެވޭނީ އެއީ މަސްތުވާތަކެތިން މުއާމަލާތް ކުރުމަށް ގެންގުޅުނު ތަކެތި ކަމަށެވެ. އޭނާ އަކީ މަސްތުވާއެއްޗަށް ދެވިހިފާފައި ނުވާ މީހެއް ކަމަށް އިބްރާހިމް ރަޝީދު އަމިއްލައަށް ކޯޓުގައި ވަނީ ބުނެފަ އެވެ.
އޭނާ ހުއްޓުވަން ފުލުހުން ދިޔުމުން، އަތުގައި އޮތް ޕެކެޓު މަގުމައްޗަށް އެއްލާލި މަންޒަރު ފެނުނު ކަމަަށް ބުނެ އެ ސީނަށް ދިޔަ ފުލުހުން ކްރިމިނަލް ކޯޓުގައި ހެކިބަސް ދީފައިވެއެވެ. އަދި އެ މީހުންގެ ހެކިބަހުން އެ ޕެެކެޓު އޮތީ އޭނާގެ އަތުގައިކަން ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައިވެ އެވެ.
އޭގެ އިތުރުން، އޭނާގެ އަމަލުތައް ހުރި ގޮތުން ޕެކެޓުގައި ހުރީ މަސްތުވާތަކެތިކަން އޭނާއަށް އެނގޭކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
މަސްތުވާތަކެތީގެ މައްސަލައިގައި ތިނަދޫގެ ކުރީގެ ގާޒީ 15 އަހަރަށް ޖަލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ