ލ. ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާ އެކު 5 ތަރީގެ ރިސޯޓެއް ހަދަން ސޮއިކޮށްފި

ހޮޓެލް ސްކޫލަކާއެކު، ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ މަތީ ފަންތީގައި ޚިދުމަތް ދޭ ފަސް ތަރީގެ ރިސޯޓެއް، ލ. ހުޅިމެންދޫގައި ތަރައްގީކުރައްވަން ކަނޑައަޅައިފި ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ. ރައީސް މިކަން އިއުލާންކުރެއްވީ ލ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު މާމެންދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ މިއަދު ހެނދުނު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ. މިކަން އިއުލާންކުރައްވަމުން ރައީސް ވަނީ މިއީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ، އަދި ކުރަން ބޭނުންވާ ފަރާތްތަކަށް، ވަކީން ޚާއްސަކޮށް، މާމެންދޫގެ ޒުވާނުންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި ވިދާޅުވެފައެވެ. އަދި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދިވެހިން އިތުރުކުރުމަށް "އޮން ދަ ޖޮބް ޓްރެއިނިން" ލިބޭނެ ތަނެއްގެ ގޮތުގައި ރައީސް ވިދާޅުވިއެވެ. "ދެން އަޅުގަނޑުމެން މި ސޮއިކުރީ ހުޅިމެންދޫގައި ފައިވް ސްޓާ ފެންވަރުގެ ރިސޯޓެއް، ހޮޓެލް ސްކޫލް ނޫނީވިއްޔާމު ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމުގައި ތައުލީމު ދިނުމުގެ، ތަމުރީން ދީ އުފެއްދުމުގެ އެންމެ މަތީ ފެންވަރުގެ ތަމުރީން ލިބިފައިވާ ދިވެހިން އުފެއްދުމަށްޓަކައި ހޮޓެލް ސްކޫލު ގާއިމުވެފައިވާ ގޮތަށް އަޅުގަނޑު ރިޔާސީ އިންތިހާބުގައިވީ ވައުދު ފުއްދުމަށް މި ހަވާލުކުރެވުނު މަޝްރޫއުއަކީވެސް ހަމަ މި ރަށަށް އަދި މި އަތޮޅަށް، ދެން ހަމަ ހަގީގަތުގައި ޓޫރިޒަމް ސެކްޓާއަށް، މުޅި ރާއްޖެއަށް ފައިދާވާނެ މަޝްރޫއުއެއް،" މާމެންދޫ ރައްޔިތުންނާ މުޚާތަބުކުރައްވަމުން ރައީސް ވިދާޅުވެފައިވެއެވެ. ހުޅިމެންދޫގައި ހޮޓެލް ސްކޫލަކާ އެކު ރިސޯޓެއް ގާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ވެސް މި ބައްދަލުކުރެއްވުމުގައެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ވައިސް ޗާންސެލަރު ޑރ. ރަޙީމާ ޢަބްދުއްރަޙީމެވެ. އަދި، ރިސޯޓް ތަރައްގީކޮށް އޮޕަރޭޓްކުރައްވާ ފަރާތުގެ ހައިސިއްޔަތުން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދެވެ. ލާމު އަތޮޅުގައި ހޮޓެލް ސްކޫލެއް ތަރައްގީކުރުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. ރައީސް ވިދާޅުވި ގޮތުގައި މި ހޮޓެލް ސްކޫލުން ދިވެހިންނާއި ބިދޭސީންނަށް ހޮސްޕިޓަލިޓީ ދާއިރާގެ ތަމްރީންތައް ކުރިއަށްގެންދާނެއެވެ. ހޮޓެލް ސްކޫލެއްގެ އިތުރުން ލ. އަތޮޅުގެ ޓޫރިޒަމް ކުރިއެރުވުމަށް ރައީސް މުއިއްޒު ވަނީ މުހިއްމު ވައުދުފުޅުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ލ. ފޮނަދުއާއި ގަން ހިމެނޭހެން އައްސޭރި ޓޫރިޒަމްގެ ބޮޑު މަޝްރޫއެއް ހިންގެވުމަށް ވެސް އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިންގައި ވައުދުވެވަޑައިގެންފައިވެއެވެ. އަދި، ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި ފެށި ލ. ބަރެސްދޫ އިންޓަގްރޭޓެޑް ރިސޯޓްގެ މަސައްކަތް އަލުން ފައްޓަވާނެ ކަމަށްވެސް ވައުދުވެވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ