ހިޔާ ޓަވަރެއްގައި އިންޒާރު ދީ ހަމަނުޖެހުން ހިންގި މައްސަލައެއް؛ ކުޑައްކުޖަކު ހައްޔަރުކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރެއްގައި މިރޭ ބަޔަކު، އެކަކު އަނެކަކަށް އިންޒާރުދީ ހަމަނުޖެހުން ހިންގި މައްސަލައެއްގައި ކުޑަކުއްޖަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ އެ ހާދިސާ ހިނގީ ހިޔާ ނުވަވަނަ ޓަވަރުގައި ކަމަށެވެ. އެގޮތުން ދެބައެއްގެ މެދުގައި، އެކަކު އަނެކަކަށް އިންޒާރުދީ ހަމަނުޖެހުން އުފެއްދުމާ ގުޅިގެން، ތިން ކުޑަކުއްޖަކު ހުއްޓުވައި މައުލޫމާތު ސާފުކުރި ކަމަށް އެ މުއައްސަސާއިން ބުންޏެވެ. ފުލުހުން ބުނީ އެ މައްސަލައިގައި، އިތުރު 16 އަހަރުގެ ފިރިހެން ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގެ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، ހިޔާ ޓަވަރަކުން މީހަކު ހައްޔަރުކޮށްގެން ގެންދާ މަންޒަރު ވީޑިއޯއިން ފެނެއެވެ. އެ ސަރަހައްދުގައި ހުރި މީހަކު ދައްކާ ވާހަކަ ވެސް ވީޑިއޯއިން އަޑުއިވޭއިރު، މީހަކު ވަޅިއެއް ހިފައިގެން އުޅޭ ކަމަށް އޭނާ ތުހުމަތުކުރެއެވެ. ފުލުހުން ވަނީ، ހަމަނުޖެހުން ހިންގި ސަރަހައްދުން ތޫނު އެއްޗެއް ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ބުނެފައެވެ. މާރާމާރީތަކުގައި ކުޑަކުޑިން ޝާމިލުވުމުގެ މައްސަލަ ބޮޑުވެފައިވާއިރު، މި އަހަރުގެ މިހާތަނަށް، ޖިސްމާނީ އަނިޔާ ދިނުމުގެ 479 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުން ދައްކައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ