އައިސީޔޫ އިން ނެރުނު ޝްރޭޔަސްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފި އައިސީޔޫ އިން ނެރުނު ޝްރޭޔަސްގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފި

ސިޑްނީ (އޮކްޓޫބަރު 31) - އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗެއްގެ ތެެރެއިން ސީިރިއަސް އަނިޔާއެއް ލިބުނު އިންޑިއާގެ ގައުމީ ޓީމުގެ ކްރިކެޓް ތަރި، ޝްރޭޔަސް އައްޔަރުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ބުނެފި އެވެ.
އުމުރުން 30 އަަހަރުގެ ޝްރޭޔަސް، މިދިޔަ ހޮނިހިރު ދުވަހު، އޮސްޓްރޭލިއާއާ ދެކޮޅަށް އިންޑިއާ އިން ކުޅުނު ތިން ވަނަ ވަންޑޭއިންޓަނޭޝަނަލް (އޯޑީއައި) މެޗުގެ ތެެރެއިން ބޯޅައެއް ހިފަން އުޅުމުގެ ތެރޭގައި ވެއްޓުނު ގޮތުން ވަރަށް ބޮޑަށް އަނިޔާވި އެވެ.
ވެއްޓިގެން ލިބުނު އެ ބޮޑު އަނިޔާާއާ ހެދި، މެޑިކަލް އެހީގައި ދަނޑުން ފޭބި ޝްރޭޔަސްގެ ހާލު ގޯސްވަމުންދާތީވެ، ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. އަދި، އައިސީޔޫގައި ފަރުވާދޭން ފެށީ، އިންޓާނަލް ބްލީޑިން ވަރަށް ބޮޑަށް ހުރުމުންނެވެ.
އައިސީޔޫގައި ދެ ދުވަހެއް ފަރުވާ ދިނުމަށް ފަހު، ޝްރޭޔަސް މިހާރު އަންނަނީ، ޕްރައިވެޓް ރޫމަކަށް ބަދަލުކޮށްގެން ފަރުވާ ކުރިއަށްގެންދަމުންނެވެ. ސޯޝަލް މީޑިއާގައި ޝްރޭޔަސް ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދުވަހުން ދުވަހަކަށް އޭނާގެ ހަށިގަނޑަށް ބަދަލު އަންނަ ކަމުގެ އިހުސާސް ކުރެވޭ ކަމަށާއި ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.
މި އަހަރުގެ ޗެމްޕިއަންސް ޓްރޮފީ ތަށި އިންޑިއާ އިން ހޯދިއިރު، އެންމެ މޮޅު ކުޅުމެއް ދެއްކި ޝްރޭޔަސް އަކީ އެ މުބާރާތުގައި އިންޑިއާ އަށް އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ފަސް މެޗުން، 243 ލަނޑު ހަދައިފަ އެވެ. އެވްރެޖަށް ބަލާއިރު މެޗަކަށް 48.60 ލަނޑު ހެދޭއިރު، އެންމެ ރަނގަޅު ސްކޯ ހެދި މެޗުގައި، 79 ލަނޑު ހެދި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ