ގޯފް، ފްރެންޗް އޯޕަން ކާމިޔާބުކޮށްފި ގޯފް، ފްރެންޗް އޯޕަން ކާމިޔާބުކޮށްފި

ޕެރިސް (ޖޫން 8) - ދުނިޔޭގެ ރޭންކިންގެ އެއް ވަނައިގައި އޮތް އަރީނާ ސަބަލެންކާ ބަލިކޮށް، އެެމެރިކާގެ ކޮކޯ ގޯފް، ފްރެންޗް އޯޕަންގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއީ، 2023 ވަަނަ އަހަރުގެ ޔޫއެސް އޯޕަން ކާމިޔާބުކުރި ގޯފް، 21، ކެރިއަރުގައި ހާސިލްކުރި ދެ ވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެވެ. ފްރެންޗް އޯޕަން ފައިނަލުގައި ގޯފް ވަނީ، ސަބަލެންކާ ހެދި ގޯސްތަކުގެ ފައިދާ ރަނގަޅަށް ނަގައިފަ އެވެ. މި މެޗުގެ ސެޓުތައް ދިޔައީ، 6-7 (5-7) 6-2 6-4 އިންނެވެ.
ގޯފް ބުނީ ފުރަތަމަ ހޯދި ކާމިޔާބު (ޔޫއެސް އޯޕަން) އަށް ވުރެން މި ފަހަރުގެ މި ގްރޭންޑް ސްލޭމް ކާމިޔާބީ ހޯދަން ކުރަން ޖެހުނު މަސައްކަތް ބޮޑު ކަމަށެވެ. ހާއްސަކޮށް، މި މެޗު ފަށައިގެން، ސަބަލެންކާ، 27، ތަޖުރިބާގެ ބޭނުންކޮށް، ގޯފް އަށް ޕްރެޝަރު ބޮޑުކުރަމުންދިޔަ އެވެ. އަދި، އޭގެ ސަބަބުން ގޯފް އަށް ހިތްވަރު ގަދަ ކުޅުމެއް ދައްކަންޖެހި، ނަތީޖާ އަނބުރާލުމަށްޓަކައި، ގައިގައި ހުރި ބޮޑު މިންވަރެއްގެ ހަަކަތައެއް ބޭނުންކުރަން ޖެހުނުކަން ފާހަަގަކުރި އެވެ.
މީގެ ކުރިން، 2022 ވަނަ އަހަރުގެ ފްރެންޗް އޯޕަން ފައިނަލުގައި ބަލިވެފައިވާ ގޯފް މި ފަހަރު އައީ ހުރިހާ ހާލަތަކަށް ވެސް ތައްޔާރުވެގެން ކަމަށް ވަނީ ބުނެފަ އެވެ. އަދި، މީގެ ކުރިން ފައިނަލުގައި ކުޅުނު ފަހަރު، އިގާ ސްވިއަޓެކް އަތުން ބަލިވި މެޗަށް ފަަހު، ފްރެންޗް އޯޕަން ކާމިޔާބުކުރަން ހިތުގައި އޮތް އަޒުމަށް ބަދަލެއް ނާންނަ ކަމަށާއި މި ފަހަރު އެ މުބާރާތް ކާމިޔާބުކުރުމުން ލިބޭ ހިތްހަމަޖެހުން މި ހުރިހާ ސަބަބުތަކަށްޓަކައި ބޮޑު ކަމަށް ގޯފް ވަނީ ބުނެފަ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ