ގައުމު ބިނާކުރުމަކީ ގާސިމް ކުރައްވާ ވިޔަފާރިއެއް ނޫނެވެ.

ވިލާ ފައުންޑޭޝަނަށް ވިހި އަހަރު ފުރުމުގެ މުނާސަބާގައި ބޭއްވި ހަފުލާގެ ތެރެއިން ހަތްހާސް ދިވެހި ގްރެޖުއޭޓުންގެ ވާހަކަ އަޑު އިވުނެވެ. ވިލާ ފައުންޑޭޝަން މެދުވެރިވެގެން ދުނިޔޭގެ އެކިއެކި ކޮލެޖު ޔުނިވަރސިޓީތަކުން މިހާތަނަށް މަދުވެގެން ހަތްހާސް ދިވެހިން ގްރޭޖުއޭޓުވެފައިވާ ވާހަކަ އިވުނެވެ. މިއީ މަދު އަދަދެއް ނޫނެވެ. ބޮޑު އަދަދެކެވެ. ޚާއްސަކޮށް ރާއްޖެ ކަހަލަ ބައިމިލިޔަނަށްވެސް ނާރާ ކުޑަކުޑަ އާބާދީއަކަށް ނިސްބަތްކުރާއިރު މިއީ ވަރަށްވެސް ބޮޑު އަދަދެކެވެ.
ވިލާ ގްރެޖުއޭޓުންގެ ތެރޭގައި ގާތްގަޑަކަށް ހަމަ ހުރިހާ ދާއިރާއަކުން މަތީ ތައުލީމު އުނގެނި ތަމްރީނުވެގެން ތިބި ޒުވާނުން ހިމެނެއެވެ. ޑޮކްޓަރުންނާއި ނަރުހުންނެވެ. އިންޖިނޭރުންނާއި ޓެކްނީޝަނުންނެވެ. ޕްރިންސިޕަލުންނާއި އެކައުންޓެންޓުންނެވެ. މިހެންގޮސް ލިސްޓު ދިގުކުރުމުގެ ބޭނުމެއްނެތެވެ. ރާއްޖެ އާރާސްތުކޮށް ތަރައްގީ ކުރުމުގެ ހަމަ ކޮންމެ މަސައްކަތެއްގައި މިދެންނެވި ޒުވާނުން ގެންދަނީ އިސް ދައުރެއް އަދާކުރަމުންނެވެ. ގައުމުގެ އެންމެ މުހިއްމު ރައުސުމާލަކީ ހުނަރުވެރި އިލްމުވެރި ޒުވާނުންނެވެ. ވިލާ ފައުންޑޭޝަން އުފެއްދުމުގެ މަގްސަދަކީ އެފަދަ ޖީލުތަކެއް ބިނާކުރުމެވެ. ގައުމުގެ ދުވެލި ހަލުވިކުރުމެވެ. މިދިޔަ ވިހި އަހަރުގެ ތަފާސްހިސާބުތައް ބަލައިލީމާ މިމަގްސަދު ހާސިލުވަމުން ފުރިހަމަވަމުންދާކަން އެބަ ކަށަވަރުވެއެވެ.
މަތީ ތައުލީމަށް އެދިގެން ވިލާ ފައުންޑޭޝަނުގެ ދޮރުގައި ޒުވާނަކު ޓަކިދިނީމާ އެއީ ކޮން ރަށެއްގެ ކޮން އަތޮޅެއްގެ ކޮން ފަންތިއެއްގެ ޒުވާނެއްތޯ ބެލުމެއް ނޯވެއެވެ. ކޮންމެ ރަށެއްގެ ކޮންމެ ފަންތިއެއްގެ ޒުވާނަކަށްވިޔަސް އެއީ ދިވެއްސަކަށް ވަންޏާ ވިލާ ފައުންޑޭޝަނުން މަރުހަބާ ކިޔައެވެ. މަތީ ތައުލީމުގެ ވަސީލަތްތައް ތަނަވަސްކޮށްދެއެވެ. އެހެންކަމުން ވިލާ ގްރެޖުއޭޓުންގެ ތެރޭގައި ތިބީ އަރިއަތޮޅުގެ ޒުވާނުން އެކަންޏެއް ނޫނެވެ. ތިލަދުންމަތިން ފެށިގެން އައްޑުއަތޮޅާ ދެމެދުގައިވާ ގާތްގަޑަކަށް ހުރިހާ ރަށަކަށް ނިސްބަތްވާ ދެ ޖިންސުގެ ޒުވާނުންވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ގައުމު ބިނާކުރުމުގެ މަސައްކަތް ގާސިމް އިބްރާހިމް ކުރައްވަމުން ގެންދަވާއިރު އެމަނިކުފާނަކީ ސިޔާސީވެސް ބޭފުޅެކެވެ. ސިޔާސީ ޕާޓީއެއްގެ ލީޑަރެވެ. ގާސިމް އިބްރާހިމްގެ ސިޔާސީ ވިސްނުންފުޅަކީ ޖުމްހޫރީ ފިކުރެވެ. އެފިކުރު ގަބޫލުނުކުރާ އަދި ގާސިމް އިބްރާހީމަށް ފާޑުކިޔާ މީހުން ބުނެއުޅޭ ވާހަކައެއް އޮވެއެވެ. އެމަނިކުފާނު ކުރައްވާ ކޮންމެ ކަމަކީ ސިޔާސީ ވިސްނުމެއްގައި ސިޔާސީ މަންފާއަށްޓަކައި ކުރައްވާ ކަމެކެވެ. އެފަދަ މީހުން ވިސްނަންވީ ނުގުތާއަކީ ވިލާ ފައުންޑޭޝަނުން ހުޅުވައިދިން ދޮރުން އެތެރެވެގެން އެކިއެކި ޔުނިވަރސިޓީތަކުން އުނގެނުނު ދަރިވަރުން މިއަދު ތިބީ ކޮންތާކުކަމެވެ. ވިލާގެ އެކިއެކި ކުންފުނިތަކުގައި ވިލާ ގްރެޖުއޭޓުންގެ ތެރެއިން މަދު ބަޔަކު ނެތެކޭ ނޫނެވެ. ގިނަ ގްރެޖުއޭޓުން ތިބީ ގައުމަށް އެމީހުންގެ ޚިދުމަތް ބޭނުންވާކަމަށް އެމީހުންނަށް ފެންނަ އެކި ދިމަދިމާލުގައެވެ.
ވިލާ ގްރެޖުއޭޓުންނާއި އެމީހުންގެ އާއިލާތަކަށް ނިސްބަތްވާ މަދު ބަޔަކު ޖުމްހޫރީ ޕާޓީގައި ނެތެކޭ ނޫނެވެ. ގިނަ މީހުންނާއި އެމީހުންގެ އާއިލާތަކުގެ މެންބަރުން ތިބީ އެބަޔަކަށް ފެންނަ ޕާޓީތަކުގައެވެ. ސިޔާސީ ގޮތުން ޝަރުތެއް އަދި އެނުންގޮތަކުންވެސް ޝަރުތެއް ވިލާ ފައުންޑޭޝަނަކުން ނުކުރެއެވެ. އެފަދަ ކަމަކަށް ގާސިމް އިބްރާހިމް ދުވަހަކުވެސް އެދިވަޑައިގެންފައި ނުވެއެވެ. އެހެންވީމާ ދިވެހި ޒުވާނުން ބާރުވެރިކުރުވައި ފުރުސަތުތައް ތަންވަސްކޮށްދީ ގައުމު ބިނާކުރުމުގެ މަސައްކަތުގައި ގާސިމް އިބްރާހިމްގެ އަމިއްލަފުޅު އެއްވެސް މަސްލަހަތެއް އެދުމެއް ނެތްކަން ކިތަންމެ ރަގަޅަކަށްވެސް އެބަހާމަވެއެވެ.
ވިލާ ފައުންޑޭޝަނުން މަތީ ތައުލީމަށް ހުޅުވައިދޭ ދޮރަކީ ލޯންސްކީމުގެ ދޮރެކެވެ. އެއީ ސަރުކާރުންވެސް މަތީ ތައުލީމުގެ ދޮރު ދިވެހި ޒުވާނުންނަށް ހުޅުވައިދީފައިވާ ގޮތެވެ. އެކަމަކު ވިލާ ފައުންޑޭޝަނުގެ ސްކީމަކީ އެހެން ސްކީމްތަކާ މުޅިން ތަފާތު އެއްޗެކެވެ. ދައްކަން ބޭނުން ޒުވާނުން ދަނީ އުސޫލުގެ ތެރެއިން ދައްކަމުންނެވެ. ނުދައްކާ މީހުންވެސް އުޅެއެވެ. ގާސިމް އިބްރާހިމްގެ ސިޔާސަތަކީ ނުދެއްކިއަސް އެމީހެއްގެ ފަހަތުން ނުހިނގުމުގެ ސިޔާސަތެވެ. ދައުވާ ނުކުރުމުގެ ސިޔާސަތެވެ. ކުށްވެރި ނުކުރުމުގެ ސިޔާސަތެވެ. އަދި އެފަދަ ޒުވާނަކު ނިޔާވިޔަސް އެޒުވާނާގެ އާއިލާ ޒިންމާވާން ނުޖެއްސުމުގެ ސިޔާސަތެވެ. މިރާއްޖޭގައި މިހާ ލުއިފަސޭހަ ގޮތަކަށް މިކަން ހަމަޖައްސައިދޭ އެހެން އެއްވެސް މުވައްސަސާއެއް ނެތެވެ. އެހެންވީމާ ފާޑުކިޔާ މީހުން ތަފާތު އެކި ސަބަބުތަކާހެދި ކޮންމެ ވާހަކައެއް ދެއްކިއަސް މިއީ ގާސިމް އިބްރާހިމް ކުރައްވާ ވިޔަފާރިއެކޭ އެމަނިކުފާނުގެ މަގްސަދަކީ މިވިޔަފާރިން ނަފާނެރުއްވުމޭ ބުނެވޭނެ އެއްވެސް ހަމައެއް ނެތެވެ. އެކަން ދިވެހިރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ