ޕްލާސްޓިކް މަދުކުރުމަށް، ފޮތިން ދަބަސް ފަހަން ދަސްކޮށްދިނުމަށް ހިންގި ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

ޕްލާސްޓިކް މަދުކުރުމުގެ ޕްރޮގުރާމުގެ ދަށުން ފޮތިން އަތް ދަބަސް ފަހަން ދަސްކޮށްދިނުމަށް ކުޅުދުއްފުށީގައި ކުރިއަށްގެންދިޔަ ވޯރކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ޔޫތް މިނިސްޓްރީ އާއި ކުޅުދުއްފުށީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން މިމަހު 25-27 އަށް ކުރިއަށްގެންދިޔަ މި ޕްރޮގުރާމުގައި 40 މީހުން ބައިވެރިވި އެވެ.
ދެ ޖިންސަށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ވޯރކްޝޮޕް ނިންމާ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ހދ ފެމެލީ އެންޑް ޗިލްރަން ސާރވިސް ސެންޓަރު ހިންގުމާ ހަވާލުވެހުންނެވި އާސިމާ އަހުމަދެވެ.
އަންހެން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ހަދީޖާ މުސާ ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ ތިމާވެއްޓާއި ތިމާވެއްޓަށް ދިމާވަމުން އަންނަ ނުރައްކާތެރި ކަންކަމަށް ވިސްނައި ފިކުރުކޮށް، ކޮށްދެވޭނީ ކޮންކަމެއްތޯ ބަލައި އެކަން ކުރަން ޖެހޭ ކަމަށެވެ. އަދި މި ކޯހުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ދިމާވެފައިވާ ނުރައްކަލަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.
މި ވޯރކްޝޮޕަކީ ވަރަށް ކާމިޔާބު އަދި އެހާމެ ބޭނުންތެރި ކޯހެއްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ މި ވޯރކްޝޮޕުން ލިބުނު ފިލާވަޅުތައް އަމަލީ މައިދާނުގައި ކުލަ ޖެހިގެންދާނެ ފަދަ ހިދުމަތެއް މި ރޮނގުން ލިބިގެންދިޔުމަކީ ޔޫތު މިނިސްޓްރީ އާއި ޑަބުލިއުޑީސީގެ ވަރަށް ބޮޑު އެދުމެއްކަން ވިދާޅުވެފަ އެވެ.
ފޮތިން ދަބަސް ފަހަން ދަސްކޮށްދިނުމަށް ހިންގި ކޯހުގެ ބައިވެރިންތަކެއް--ކޭއޯފޮޓޯ
ފޮތިން ދަބަސް ފަހަން ދަސްކޮށްދިނުމަށް ހިންގި ކޯހުގެ ބައިވެރިން ފަހާފައިވާ ދަބަސްތަކެއް--ކޭއޯފޮޓޯ
"އަޅުގަނޑުގެ އުންމީދަކީ ޕްލާސްޓިކް ނުވަތަ ރަބަރު މަދުކޮށް ދަބަސް ފަހާ އެ ދަބަސް ރައްޔިތުން ބޭނުން ކުރާތަން ފެނިގެންދިޔުން. އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަހަކީ އެއީ. މި ނުވާވަރުކަމެއް ނޫން. ބޭނުންވަނީ ހިތްވަރާއި އަޒުމު. ބޭނުންވަނީ އެންމެން ޕްލާސްޓިކަށް ނޫނެކޭ ބުނުން." ހަދީޖާ ވިދާޅުވި އެވެ.
ޕްރޮގުރާމު ކާމިޔާބުކަމާއެކު ނިންމާލުމުގައި އެހީތެރިކަން ފޯރުކޮށްދެއްވީތީ ޔޫތް މިނިސްޓްރީ އަދި ކުޅުދުއްފުށި ސިޓީ ކައުންސިލަށް ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ