ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގަ ރާއްޖެ ތަރއްގީކުރާނީ ބޭރުގެ ތަޖުރިބާކާރުންގެ އެހީގައި ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ސިންގަޕޫރާއި ދުބާއީފަދަ ގައުމުތަކުގެ ތަސައްވަރާއެކީގައިކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ރޭ ވިދާޅުވެއްޖެ.
އައްޑޫގެ ތަރައްގީ އަށް ބޮޑު އިސްކަމެއް ދެއްވާނެކަމަށް ވިދާޅުވެ، ރޭ ކޮންވެންޝަން ސެންޓަރުގައި ޖުމްހޫރީ ގުޅުމުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ ލީޑަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވީ އައްޑޫ އަކީ ސިޓީއެއްގެ ދަރަޖަ ދީފައިވާ އަތޮޅެއް ކަމަށާއި، މާލެއެކޭ އެއްފެންވަރަށް އައްޑޫސިޓީން ހިދުމަތްތައް ލިބިގެންދާނެފަދަ އިންތިޒާމްތަކެއް ހަމަޖައްސަވާނެކަމަށެވެ.
އައްޑޫސިޓީގެ ތަރައްގީގެ އިތުރު ސިޔާސަތުތައް ހާމަކުރައްވަމުން ގާސިމް ވިދާޅުވީ އައްޑޫ ސިޓީގައި ޓޫރިޒަމް ތަރައްގީ ކުރުމަށް ހާއްސަ ޕްލޭނެއް އެބައޮތް ކަމަށާއި، ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ފުރަތަމަ ތިން އަހަރު ދުވަހުގެ ތެރޭގައި 4000 އެނދު ހިދުމަތަށް ނެރޭނެ ކަމަށެވެ.
މީގެ އިތުރުން ގާސިމް ރޭވެސްވަނީ އޭނާ ވައުދުވެވަޑައިގަންނަމުންދާ ބޮޑަތި ވައުދުތަކުގެ ލިސްޓަށް އިތުރުކަންތައްތަކެއް ހިމަނާފައެވެ. އެގޮތުން ރޭ އައްޑޫ ސިޓީގައި ފެނާއި ނަރުދަމާގެ ހިދުމަތް ޖުމްހޫރީ ގުޅުމުގެ ފުރަތަމަ އަހަރު ދުވަހުގެ ތެރޭގައި ގާއިމް ކޮށްދެއްވާނެ ކަމަށާއި އިސްލާމިކް ޔުނިވާސިޓީއެއް ގާއިމުކުރައްވާ ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އަރަބި އިސްލާމް ކިޔަވައިދޭ އިލްމީ ތައުލީމީ މަރުކަޒުތަކެއް ގާއިމުކުރާއިރު އޭގެ ތެރެއިން އެއް މަރުކަޒު ގާއިމު ކުރައްވާނީ އައްޑޫ ސިޓީގައި ކަމަށް ވިދާޅުވި އެވެ.
އަދި މީގެ އިތުރުން ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ މަސައްކަތް ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގެ ފުރަތަމަ އަހަރު ނިންމައި އެ އެއާޕޯޓުން ޗާޓަރު ފްލައިޓްތަކާއި ޝެޑިއުލް ފްލައިޓްތައް ބޭރަށް ދަތުރުކުރަން ފަށާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުންވެސް ރޭ ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި އައްޑޫ ސިޓީގަ ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ގާއިމްކޮއްދެއްވާ ސިދާ އައްޑޫ ސިޓީން ރާއްޖޭންބޭރަށް މަސްފިނިކޮއްގެން ބޭރުކުރެވޭނެ ނިޒާމެއް ގާއިމްކޮއްދެއްވާނެކަމަށެވެ.
ޤާސިމް ވިދާޅުވީ ކުރާ ކޮންމެ ކަމެއްވެސް ކުރޭވޭނީ ރަނގަޅު މަޤުސަދެއް އަދި ވަކި ހާއްސަ ޕްލޭނެއް އޮވެގެން ކަމަށާއި ޖުމްހޫރީ ކޯލިޝަނުން އަބަދުވެސް މަސައްކަތް ކުރާނީ އެގޮތަށް ކަމަށެވެ.
ރާއްޖެއަށް ތަރައްގީ ގެންނާނީ ކުރިއަރާފައިވާ ގައުމުތަކުގެ ތަސައްވަރާއެކީ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ