ގަމުގައި އަލުން ބައިނަލްއަގްވާމީ ވައިގެ ދަތުރުތައް ފެށޭނީ ހެރަތެރަ ހިނގަން ފެށުމުން: ރައީސް ނަޝީދު

ސ. ގަމުގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް އަލުން ބައިނަލްއަގްވާމީ ދަތުރުތައް ފެށޭނީ މި އަތޮޅުގައި އެމްޓީޑީސީން ތަރައްގީކޮށްފައިވާ ހެރަތެރަ ރިސޯޓް ވެސް އަލުން ހިނގައިގަތުމުން ކަމަށް ރައީސުލްޖުމްހުރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އައްޑު އަތޮޅަށް އެ މަނިކުފާނު މިހާރު ކުރައްވާ ދަތުރުފުޅުގައި ރޭ މި އަތޮޅު ޝަންގްރިއްލާސް ވިލިނގިލި ރިސޯޓް އެންޑް ސްޕާ އަށް ޒިޔާރަތް ކުރައްވައި އެ ރަށުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު ނޫސްވެރިންނަށް މައުމޫލާތު ދެއްވުމަށް ބޭއްވި ބައްދަލުވުމުގައި ހަވީރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިން ސަރުކާރުން އުންމީދު ކުރީ ވިލިނގިލި ހުޅުވިގެން ދާއިރު ގަމުގެ ވައިގެ ބަނދަރަށް އަލުން ބައިނަލްއަގްވާމީ ދަތުރުތައް ފެށޭނެ ކަމަށެވެ.
އެހެންނަމަވެސް ހަމައެކަނި އެންމެ ރިސޯޓަކަށް އަންނަ ޓޫރިސްޓުންނަށް އަމާޒުކޮށްގެން އެފަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަކީ ފަސޭހަ ކަމެއް އަދި ހަރަދު ވެސް ކުޑަ ގޮތެއް ނޫން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެހެންނަމަވެސް ކުރިން އަޅުގަނޑުމެން އުންމީދުކޮށްގެން ތިބީ ވިލިނގިލި ހުޅުވިގެން ދާ އިރު ގަމުގެ ވައިގެ ބަނދަރުގެ ބައިނަލްއަގްވާމީ އޮޕަރޭޝަންތައް ވެސް އަލުން ފެށިގެން ދާނެ ކަމަށް. އެހެންނަމަވެސް އެކަން ހަގީގަތުގައި ދެން ހިނގައި ގަންނާނީ ހެރަތެރަ ރިސޯޓް ވެސް އަލުން ހިނގައިގަތުމުން،" ރައީސް ވިދާޅުވި އެވެ. "އޭރުން މިކަން ރަނގަޅު ގޮތެއްގައި ދެމިހެއްޓެނިވި ގޮތަކަށް ވެސް ކުރިއަށް ގެންދެވޭނީ. އެހެންނަމަވެސް މިހާރުން މިހާރަށް ވެސް އެތަނަށް ޕްރައިވެޓް ޖެޓްތައް ޖެއްސުމުގެ ފުރުސަތު އޮންނާނެ.
އެހެންވީމާ އެއީ ހަމަ ވިލިގިއްޔަށް އަންނަން ބޭނުންވާ ފަރާތްތަކަށް އޮތް ފުރުސަތެއް."
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ބައިނަލްއަގްވާމީ އޮޕަރޭޝަންތައް އަލުން ރާއްޖޭގެ ދެވަނަ ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް ފަށާ އިރު ހަމަޖައްސައި ކުރައްވަން ޖެހޭ ކަންތައްތަކެއް ވެސް އެބަހުރި ކަމަށެވެ. އެގޮތުން އެތަން ޕްރައިވެޓައިޒް ކުރުމަށް ކުރަން ޖެހޭ ކަންތައްތައް މިހާރު ކުރިއަށް ދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް ހުޅުވާލި ފުރުސަތުގައި ދެ ފަރާތެއް ޝޯޓް ލިސްޓްކޮށްފައިވާ ކަމަށާއި ވަރަށް އަވަހަށް އޭގެތެރެއިން ކުންފުންޏަކާ ގަން އެއާޕޯޓް ހިންގުން ހަވާލު ކުރެވޭނެ ކަމަށް ވެސް ރައީސް
ނަޝީދު ވިދާޅުވި އެވެ.
އެމްޓީޑީސީން ތަރައްގީކޮށް އައްޑު އަތޮޅުގައި ހުޅުވި ފުރަތަމަ ރިސޯޓް، ހެރަތެރަ އާ ގުޅިގެން 2007 ވަނަ އަހަރުގެ ކުރީކޮޅު އެ ރިސޯޓަށް އަންނަ ޓޫރިސްޓުންނާ އެކު ބައިނަލްއަގްވާމީ ދަތުރުތައް ގަމުގެ ވައިގެ ބަނދަރަށް ފެށި އެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ ކުރީކޮޅު އެކި ކަހަލަ މައްސަލަތަކާ ގުޅިގެން، ދަތުރުތައް އޭރު ބާއްވަމުން ދިޔަ ޖަރުމަންވިލާތުގެ ކޮންޑޯ އާއި އިޓަލީވިލާތުގެ ބުލޫ ޕެނޮރާމާއިން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތައް ވަކި މުއްދަތެއް ނެތި ހުއްޓާލައިފަ އެވެ.
ރޭގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ "އައްޑު އަތޮޅުގައި ސަރުކާރުން ކުރިއަށް ގެންދަން ރާވައިފައިވާ އެއްވެސް މަޝްރޫއެއް މަގުން ކައްސާލައިގެން ނުދާނެ" ކަމަށެވެ. އެގޮތުން މި އަތޮޅު ހަންކެޑެއިގައި ހަދާ ސިޓީ ހޮޓަލުގެ މަސައްކަތް ވެސް ކުރިއަށް ދާ ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަޝްރޫއު ހަވާލުކޮށްފައިވާ ތޫނޑް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ މުއްދަތުގެ ތެރޭގައި
އެކަން ނުވެ ލަސްވެގެން ގޮސްފައި ވީ ނަމަވެސް، ކުރީގެ ސަރުކާރުން އެކުންފުނީގެ އެގްރިމަންޓް ގަވާއިދާ ހިލާފަށް ބާތިލްކޮށްފައި ވަނިކޮށް އަލުން އިތުރު އެއް އަހަރު ދުވަހުގެ މުއްދަތު ދީގެން އެކަން ކުރިއަށް ގެންދާކަން ރައީސް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެހެންވެ ހަންކެޑެ ސިޓީ ހޮޓާ ވެސް ހުޅުވިގެން ދާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފައިވެ އެވެ. މީގެއިތުރުން މި އަތޮޅުގައި ގާއިމު ކުރަން ހަމަޖައްސައިފައިވާ
ފްލައިން ސްކޫލް (ޕައިލެޓުން ތަމްރީނު ކުރާ ސްކޫލް) ގެ އަމަލީ މަސައްކަތް ވެސް މިއަހަރު ނިމުމުގެ ކުރިން ފެށިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންނަމަވެސް ކުރީގެ ސަރުކާރުން މި އަތޮޅުގެ ކޯއްޓޭ ސަރަހައްދުގައި ކުރިއަށް ގެންދަން ރޭވި އެކޯ ޓޫރިޒަމް މަޝްރޫއު މިހާރުގެ ސަރުކާރުން ކުރިއަށް ނުގެންދަވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އެހެންނަމަވެސް ސަރުކާރުން މި އަތޮޅުގައި ކުރިއަށް ގެންދަން ހަމަޖެއްސި ހުރިހާ މަޝްރޫއެއް ފަސް އަހަރު ދުވަހުގެ ތެރޭގައި ހަގީގަތަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ވިލިގިލި ރިސޯޓްގައި ރޭ ބޭއްވި ހަފުލާގައި އެ ރިސޯޓުގެ ފަރާތުން ރައީސް ނަޝީދަށް ވަނީ ހަނދާނީ ފިލައެއް ވެސް އަރުވައިފަ އެވެ. މި ފިލާ ރައީސާ ހަވާލުކޮށް ދެއްވީ އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޔެންސް މޮއެސްކާ އެވެ. ރޭގެ ހަފުލާގައި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރު ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ