މާލޭގެ ގޭގެއިން ކުނި އުކާލަން ކޮންމެ ކަރަންޓް މީޓަރަކަށް 75ރ. ނަގަން މަޝްވަރާކުރަމުން އަންނަ ކަމަށް މާލޭ ސިޓީ ކައުންސިލުން މިއަދު ބުނެފި އެވެ.
ކައުންސިލް މެމްބަރު އަހުމަދު އަބްދުލް ކަރީމް ވިދާޅުވީ ކުނި އުކާލުމަށް އަގު ނަގާއިރު ކަރަންޓް ބިލުގައި ހިމަނައިގެން ކޮންމެ މީޓަރަކަށް 75ރ. ނަގަން މިހާރު މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ބެހޭ ގޮތުން ސްޓެލްކޯއާ އެކު މިއަދު މަޝްވަރާކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ ވެސް އެއް އޮޕްޝަން. އަޅުގަނޑުމެން މިބަލަނީ ކޮންމެ މީޓަރަކަށް 75ރ. ނަގަން. އަދި އަންނަ އަހަރުން ފެށިގެން 100ރ. ނަގަން ވެސް މަޝްވަރާކުރަމުން މިދަނީ. މިނޫން ގޮތަކަށް މިކަމެއް ނުކުރެވޭނެ. އެހެން ނޫނީ ފައިސާ ބަލައިގަތުމާއި ރެޑް ނޯޓިސް ފޮނުވުން ފަދަ ކަންތައްތައް ކުރަން ވަރަށް އުނދަގޫވާނެ،" އަހުމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ސަރަހައްދުން ކުނި އުކާލުމަށް ސަރުކާރުން ހަވާލުކޮށްފައިވާ އިންޑިއާގެ ޔޫޕީއެލްގެ ޖޮއިންޓްވެންޗާ ކުންފުނިން އެ ޚިދުމަތް ކުރިޔަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށަންވާ އިރަށް ނަގާނެ އަގުތައް ކަނޑައަޅާ ނިމޭނެ ކަމަށެވެ. އަދި އޭގެ ފަހުން އަމިއްލަ އަށް ކުނި އުކާލަން ހުއްދަ ނުދޭ ގޮތަށް ހަމަޖެއްސުމަށް ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް އަހުމަދު ވިދާޅުވި އެވެ.
"އަމިއްލައަށް ކުނި އުކާލަން ފުރުސަތު ދީފި ނަމަ އަނެއްކާ ވެސް މަގުމައްޗަށް ކުނި އަޅާނީ. އޭރުން އަޅުގަނޑުމެން މާލެ ރީތިކުރުމަށް މިކުރާ މަސައްކަތް ބޭކާރުވާނީ. އެހެންވެ އަމިއްލަ އަށް ކުނި އުކާލަން ހުއްދަ ނުދޭ ގޮތަށް މަޝްވަރާކުރަނީ،" އޭނާ ވިދާޅުވި އެވެ.
އަހުމަދު ވިދާޅުވީ ކުނި އުކާލުމުގެ ކަންތައްތަކާ ގުޅޭ ގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި ހުރިހާ ކަމެއް ނިންމާނީ އެ ބައްދަލުވުމަށް ފަހު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މާލޭގެ ގޭގެއިން ކުނި އުކާލަން ކޮންމެ ކަރަންޓް މީޓަރަކަށް 75ރ. ނަގަން މަޝްވަރާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ