އަބްދުﷲ ގާޒީ ދޫކޮށްލުމުން ހަމަނުޖެހުންތައް ހައްލުވާނެ: އެޗްއާރުސީއެމް

ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ހިލާފަށް ސަލާމަތީ ބާރުތަކުން ހައްޔަރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ސަރުކާރަށް އެންގި އެންގުމަށް އިޖާބަދީ އޭނާ ދޫކޮށްލައިފި ނަމަ، ގައުމުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުވެގެންދާނެ ކަމަށް ދެކޭ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.
ގައުމުގެ ހާލަތާ ގުޅޭ ގޮތުން ކަންބޮޑުވުންފާޅުކޮށް، އެޗްއާރުސީއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭނާ ދޫކޮށްލައި، އިންސާނީ ހައްގުތަކަށް އިހްތިރާމްކޮށް، ރައްކާތެރިކޮށް ފޯރުކޮށްދިނުމާއި އިންސާނީ ހައްގުތަކަށް އިހްތިރާމްކުރާ މުޖުތަމައެއް އުފެއްދުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.
"މިހާރު ހިނގަމުންދާ މުޒާހަރާތަކާއި އެއްވުންތަކުގައި ހިނގާ ހަމަނުޖެހުންތަކުގައި ގިނަ ފަރާތްތަކަކަށް ބޮޑެތި އަނިޔާތަކެއް ލިބެމުންދާ ކަމީ ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރިކުރާ އަދި ކަންބޮޑުވާ ކަމެކެވެ. މި ގޮތުން ރޭގެ [ހޯމަ ދުވަހުގެ ރޭގެ] މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވި [އެމްއެންބީސީގެ] ނޫސްވެރިއަކަށް ކޮށްފައިވާ ލާއިންސާނީ ދަށު ދަރަޖައިގެ އަނިޔާތައް މި ކޮޮމިޝަނުން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައިވެ އެވެ.
މާލޭގެ ހަލަބޮލިކަމުގެ ތެރޭގައި އަޑުއުފުލާ ފަރާތްތަކާއި އެހެން ވެސް މީހުންނަށް ކުރިމަތިވަމުންދާ ބިރުދެއްކުންތަކާއި އަނިޔާތައް އަދި މުދަލަށް ލިބެމުންދާ ގެއްލުންތައް ފާހަގަކޮށް، އެ ފަދަ އަމަލުތައް ހުއްޓާލުމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
"އިންސާނީ ކަރާމާތާއި ދިރިހުރުމުގެ ހައްގަކީ ކޮންމެ މީހަކަށްމެ ލިބިގެންވާ އަސާސީ ހައްގަކަށްވީ ހިނދު މި ހައްގަށް އެއްވެސް ފަރާތަކުން އެއްވެސް މަގްސަދެއް ހާސިލްކުރުމަށްޓަކައި އަރައިނުގަތުމަށާއި މިފަދަ ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތައް ފުރިހަމަ އަށް ތަހުގީގްކޮށް، ދޭންޖެހޭ ހައްގު އަދަބު ދިނުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް މި ކޮމިޝަނުން ގޮވާލަމެވެ. އަދި އެއްވުންތައް ރޫޅާލުމުގައި އަމާންކަން ބަލަހައްޓާ ފަރާތްތަކުން އެއްވެސް ފަރާތަކަށް އަނިޔާ ނުވާނޭ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ،" އެޗްއާރުސީއެމްގެ ބަޔާނުގައި އެދިފައިވެ އެވެ.
އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި ރާއްޖޭގެ ގާނޫނު އަސާސީ އާއި ބައިނަލްއަގުވާމީ މުއާހަދާތަކުން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކާއި މިނިވަންކަން ގެއްލެމުންދާތީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކޮށް މައްސަލަ އަށް ހައްލެއް ހޯދުމަށް ވަނީ މަސައްކަތްތަކެއްކޮށްފަ އެވެ. ނަމަވެސް މައްސަލަތަކަށް ސުލްހަވެރި ހައްލެއް ހޯދިފައިނުވާތީ އެ ކޮމިޝަނުން ހިތާމަކުރާ ކަމަށް އެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ