ސުނާމީ އެހީގެ ގޮތުގައި ކާޑުގެ ބަދަލުގައި ދެމުން އައި ފައިސާ ވެސް ހުއްޓާލަން މަޝްވަރާ ކުރަނީ

ކުރިން ސުނާމީގެ އެހީގެ ގޮތުގައި ކުރީގެ ސަރުކާރުން ދެމުން އައި ކާޑުގެ ބަދަލުގައި އާ ސަރުކާރުން ދޭން ފެށި ފައިސާގެ އެހީ ހުއްޓާލުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ބުނެފި އެވެ.
އެ ސެންޓަރު ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަ ފޯ ހައުސިން، ޓްރާންސްޕޯޓް އެންޑް އެންވެޔަރަމެންޓް އަބްދުﷲ ޝާހިދު ވިދާޅުވީ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ދެމުން އަންނަ ފައިސާ ހުއްޓާލުމަށްޓަކައި މަޝްވަރާތައް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ އެ ފައިސާ ރާއްޖޭގައި ދެމުން އަންނަނީ ބައިނަލްއަގުވާމީ މިންގަނޑާ ހިލާފަށް ކަމަށާއި ފައިސާ ދިނުން ހުއްޓާލުމުގެ ވިސްނުން ގެންގުޅުއްވަނީ އެހެންވެ ކަމަށެވެ.
"ރާއްޖޭގައި އެ ފައިސާ ދެމުން މިއައީ ބައިނަލްއަގްވާމީ މިންގަނޑާ ހިލާފަށް،" ޝާހިދު ވިދާޅުވި އެވެ. "އެގޮތަށް އެހީ ދެނީ ދެމިގެންދާ ކާރިސާތަކުގައި. މިސާލަކަށް ސޫދާން ގޮތަށް ދެމިގެންދާ ހަނގުރާމަތަކުގައި ސެޓްލް ވެވޭނެ ގޮތެއް ނެތި ތިބޭ މީހުންނަށް."
ހާލުގައި ޖެހޭ މީހުންނަށް ހިޔާވަހިކަން އަލުން ފޯރުކޮށްދިނުމަށް ފަހު، ކުރިން އެގޮތަށް ދޭ އެހީގެ ފައިސާ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ހުއްޓާލާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވަގުތީ ގޮތުން ދޭ ހިޔާވަހިކަން ވެސް ބެލެވޭނީ ހާލުގައި ޖެހިފައި ތިބި މީހުންނަށް ފޯރުކޮށްދޭ ހިޔާވަހި ކަމެއްގެ ގޮތުގައި ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
ކޮޅުފުށީގައި ގާއިމްކޮށްފައިވާ ވަގުތީ ހިޔާގައި ދިރިއުޅޭ މީހަކު، ނަން ނުޖެހުމަށް ޝަރުތުކޮށް، ބުނީ ސުނާމީ އެހީގެ ގޮތުގައި ދެމުން އަންނަ ފައިސާ ނުލިބޭތާ ހަތަރު މަސް ވެއްޖެ ކަމަށެވެ. އަދި މިހާރު އެ މީހުން ދިރިއުޅެމުން އަންނަނީ ވަރަށް ދަތިކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.
ޝާހިދު ވިދާޅުވީ ދިމާވި އެޑިމިނިސްޓްރޭޝަން މައްސަލައެއްގެ ސަބަބުން އެ ފައިސާ ދިނުން ލަސްވެފައިވާ ކަމަށާއި އެކަން ވަރަށް އަވަހަށް ހައްލުވާނެ ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވީ އެހީ ނުދެވޭތާ އަދި ވާނީ ދެ މަހެއްހާ ދުވަސް ކަމަށެވެ.
ސުނާމީ އެހީގެ ގޮތުގައި ކުރިން ދެމުން އައިސްފައި ވަނީ ހަނޑޫ ހަކުރު އަދި ފުށެވެ. އެކަމަކު އާ ސަރުކާރު އައުމަށް ފަހު ކާޑު ފޯރުކޮށްދިނުމުގައި ދަތިތަކެއް ހުރި ކަމަށް ބުނެ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ ކާޑުގެ ބަދަލުގައި އެއަށްވާ ފައިސާ ދޭން ފަށައިފަ އެވެ.
ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ކާޑުގެ އެހީ ދެމުން އަންނަނީ ބޮލަކަށް މަހަކު ހަ ކިލޯ ހަނޑުލާއި ތިން ކިލޯ ފުށާއި ދޮޅު ކިލޯ ހަކުރުގެ އަގަށް ޖެހޭ ފައިސާ އެވެ. އެއީ ގާތްގަނޑަކަށް ބޮލަކަށް މަހަކު ސާޅީހަކަށް ރުފިޔާ އެވެ. ޑިޒާސްޓާ މެނޭޖްމަންޓު ސެންޓަރުން ބުނި ގޮތުގައި ސުނާމީގެ ފައިސާ ދޭ 1،600 އެއްހާ މީހުން އެބަތިއްބެވެ.
ރާއްޖެ އަށް ސުނާމީ އަރައި 100 އަށްވުރެ ގިނަ މީހުން މަރުވެ ބައެއް ރަށްތައް މުޅިންހެން ދޮވެލި ހާދިސާ އަށް މި ޑިސެމްބަރު 26 ގައި ފަސް އަހަރު ވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ