ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލާގައި ދެ ފަނޑިޔާރުންނަށް މާދަމާ ހުކުމްކުރަނީ

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި ގުޅިގެން މާދަމާ ހުކުމްކުރުމަށް ނިންމައިފި އެވެ.
މި ދެ ބޭފުޅުންގެ މައްޗަށް ހުކުމްކުރުމަށް ބާއްވާ މަޖިލިސް ކުރިއަށް ގެންދަން ނިންމާފައިވަނީ މާދަމާ ހަވީރު 4:00 ޖަހާއިރު އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް އުފުލާފައިވާ މިދައުވާއާއި ގުޅިގެން މިއަދު އަޑުއެހުމެއް ބޭއްވުމަށްފަހު މިމައްސަލައިގެ ހުލާސާ ބަޔާން އިއްވާ މިއަދު ވަނީ އަޑުއެހުންތައް ނިންމާލާފަ އެވެ.
މި ދެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.
މި ދެ ބޭފުޅުންގެ މައްޗަށް މިދައުވާ އުފުލާފައިވަނީ މި ދެ ބޭފުޅުން އެހެން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ބުނެ އެވެ.
މިމައްސަލަ ސާބިތުކުރުމަށް ދައުލަތުން ވަނީ ސިއްރު ދެ ހެއްކަކާއި ކޯޓު އަމުރުތަކެއް ކޯޓަށް ހުށަހަޅާފަ އެވެ. ކޯޓު އަމުރުތައް ހުށަހަޅާފައިވަނީ، އެ އަމުރުތައް ނެރެފައިވަނީ މި ދެ ބޭފުޅުންގެ ނުފޫޒުން ކަން ސާބިތުކުރުމަށެވެ. ދައުލަތުން ހުށަހަޅާފައިވާ ކޯޓު އަމުރުތަކުގެ ތެރޭގައި މިމައްސަލަ ބައްލަވާ ގާޒީ ހުސައިން ޝަހީދު ނެރުއްވާފައިވާ އަމުރެއް ވެސް ހިމެނެ އެވެ.
މައްސަލަ ސާބިތުކުރުމަށް ގާޒީ ޝަހީދުގެ އަމުރެއް ހެކީގެ ގޮތުގައި ހުށަހަޅާފައިވާތީ އެއީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށް މިމައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި އުއްތަމަ ފަނޑިޔާރުގެ ވަކީލުން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެއީ މަސްލަހަތު ފުށު އަރާނެ ކަމެއް ނޫން ކަމަށް ގާޒީ ވަނީ ނިންމަވާފަ އެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ވަނީ އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާއާއި، ރިޝްވަތު ހިފުމުގެ ދައުވާއާއި ޓެރަރިޒަމުގެ ދައުވާ ވެސް އުފުލާފަ އެވެ. އަދި އުއްތަމަ ފަނޑިޔާރުގެ މައްޗަށް އުފުލާފައިވާ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާއާއި ގުޅިގެން މިއަދު ވަނީ އެމަނިކުފާނު ހަތަރު މަހާއި 24 ދުވަހަށް ޖަލަށް ލުމަށްވެސް ހުކުމްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ