ސުޕްރީމް ކޯޓުގެ އިތުބާރު ގެއްލޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރު ވާހަކަ ދައްކާފައިވާ ކަމަށް ބުނާ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މި މަހުގެ 12 ވަނަ ދުވަހު ހުށަހަޅާފައިވާ އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް ބަޔާންތައް ނަގަމުން އަންނަ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަހުމަދު ސަމީރާ ގުޅޭ ގޮތުން ހުށަހެޅިފައިވާ މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސް އިން އަންނަނީ ތަހުގީގު ކުރަމުން،" އޮފިޝަލް ވިދާޅުވި އެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ސަމީރާ ގުޅޭ ގޮތުން މައްސަލަ ހުށަހަޅާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހު ހަވީރު ނޫޙުގައި "އޭސީސީ އޮތުމުގެ ބޭނުން ކެނޑުނީތަ؟" އެ ސުރުހީގެ ދަށުން ލިޔެފައިވާ ރިޕޯޓަކަށް ސަމީރު ދެއްވި އިންޓަވިއުއެއްގައި ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.
އެ މައްސަލައާ ގުޅިގެން އެ ރިޕޯޓު ލިޔުނު ހަވީރު ނޫހުގެ ޑެޕިއުޓީ އެޑިޓަރު ހުސެއިން ފިޔާޒު މޫސާ ވެސް އިއްޔެ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.
ފިޔާޒު މިއަދު ވިދާޅުވީ އޭނާ ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފަހު ފުލުހުން ސުވާލުކޮށްފައި ވަނީ، ރިޕޯޓުގައި ވަނީ ސަމީރު ދެއްވާފައިވާ އިންޓަވިއުއެއްތޯ އާއި އަދި އެ ރިޕޯޓުގައި ލިޔެފައި ވަނީ ތެދު ވާހަކަތެއްތޯ ފުލުހުން ސުވާލު ކުރިމަށެވެ. އަދި އޭގެ ޖަވާބުގައި އެ ރިޕޯޓުގައި ދޮގުވާހަކައެއް ލިޔެފައި ނޯންނާނެ ކަމަށް ބުނެފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެ އިންޓަވިއު އަކީ ސަމީރު ދެއްވާފައި އޮތް އިންޓަވިއުއެއްތޯ އަދި އެ ރިޕޯޓުގައި އަޅުގަނޑު ލިޔެފައި އެ އޮތް ވާހަކަތަކަކީ ތެދުވާހަކަތައްތޯ އޮޅުން ފިލުވާލަން އަޅުގަނޑު ހާޒިރު ކުރީ. އަޅުގަނޑު ބުނި ވާހަކަޔަކީ އޭގައި ނޯންނާނެޔޭ ދޮގެއް. ދެތޭއެއީ،" ފިޔާޒު ވިދާޅުވި އެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ސަމީރުގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ އިރު އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އަމިއްލަ ފުޅަށް ކޯޓެއް ހެއްދެވި ކަމަށް ބުނެ ޕީޕީއެމްގެ ސުޕޯކްސް ޕާސަން އަހުމަދު ސަލީމް (މާޒު ސަލީމް) ހުށަހެޅި މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފަ އެވެ.
ދިއްދޫ ދާއިރާގެ މެންބަރު ސަމީރުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ