ޖީއެމްއާރު އާބިޓްރޭޝަންގައި ރާއްޖޭގެ ގާނޫނީ މާހިރެއްގެ ގޮތުގައި ފަނޑިޔާރު އަބްދުﷲ ސައީދު ހަމަޖައްސައިފި
އިބްރާހިމް ނާސިރު އިންޓަނޭޝަން އެއާޕޯޓް (އައިއެންއައިއޭ) ހިންގުމަށް އިންޑިއާގެ ޖީއެމްއާރާ އެކު ހެދި އެއްބަސްވުން ބާތިލް ކުރި މައްސަލައިގެ އާބިޓްރޭޝަންގައި، ރާއްޖޭގެ ގާނޫނީ މާހިރެއްގެ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދު ސަރުކާރުން ހަމަޖައްސައިފި އެވެ. އިއްޔެ އިން ފެށިގެން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ސިންގަޕޫރުގެ އާބިޓްރޭޝަންގައި ހިނގަމުން އަންނަ މައްސަލާގައި ދިވެހި ސަރުކާރު ތަމްސީލު ކުރެެއްވުމަށް، ރާއްޖޭގެ ގާނޫނީ މާހިރެއްގެ ގޮތުގައި އާބިޓްރޭޝަނަށް ހުށަހަޅާފައި ވަނީ ކުރިން އުއްތަމަ ފަނޑިޔާރުކަން ވެސް ކުރެއްވި އަދި މިހާރު ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ސައީދުގެ ނަން ކަން އެނގިފައިވެ އެވެ. އާބިޓްރޭޝަންގެ އަޑުއެހުންތަކަށް އަބްދުﷲ ސައީދު މިހާރު ވަނީ ސިންގަޕޫރަށް ފުރާވަޑައިގެންފަ އެވެ. ރާއްޖޭގެ ޝަރުއީ ދާއިރާގެ އިސް މަގާމުތަކެއް ފުރުއްވާފައިވާ އަބްދުﷲ ސައީދު ވަނީ މިސްރުގެ އަޒްހަރު ޔުނިވަސިޓީ އިން ގާނޫނުގެ ރޮނގުންނާއި ޝަރީއާގެ ރޮގުން އެލްއެލްބީ (ކޮމްބައިންޑް އޮނަސް) ޑިގްރީ ހާސިލް ކުރައްވައިފަ އެވެ. އަދި އިންޓަނޭޝަނަލް މެރިޓައިމް ލޯ އިންސްޓިޓިއުޓް، މޯލްޓާގައި ގާނޫނުގެ ރޮނގުން މާސްޓާޒް (އެލްއެލްއެމް) ޑިގްރީ ވެސް އެމަނިކުފާނު ހާސިލް ކުރެއްވި އެވެ. ސިންގަޕޫރުގައި މިހާރު ކުރިއަށް ގެންދާ އަޑުއެހުންތަކުގައި އޮންނާނީ، މައްސަލައިގައި ދެ ފަރާތުން ދެކޭ ގޮތުގެ ތަފްސީލްތައް ހުށަހެޅުމެވެ. އަދި އެ ފަރާތެއްގެ ވާހަކަތައް ސާބިތު ކޮށްދިނުމަށް ހެކިންނާއި އެހެން ވެސް ފަންނީ ބޭފުޅުންގެ ނަންތައް ހުށަހެޅުން އާބިޓްރޭޝަންގައި އޮންނާނެ އެވެ. ޖީއެމްއާރު އެގްރިމަންޓް ބާތިލްކުރި މައްސަލާގައި ދިވެހި ސަރުކާރުން ގާނޫނީ ގޮތުން ދެކޭ ގޮތް، ސިންގަޕޫރުގެ އާބިޓްރޭޝަނަށް ހުށަހެޅީ ޖޫން 2013ގަ އެވެ. އަދި ސަރުކާރުގެ އެ ހުށަހެޅުންތަކަށް ޖީއެމްއާރުން ވެސް ވަނީ މިދިޔަ އަހަރު ޖަވާބު ދީފަ އެވެ. ޖީއެމްއާރުން އާބިޓްރޭޝަންގައި އެދުނީ ބަދަލުގެ ގޮތުގައި 1.4 ބިލިއަން ޑޮލަރު ނަގައިދިނުމަށެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނީ އެއީ އުފެދުނު އިރު ވެސް ބާތިލް ނޫނީ ވޮއިޑް އެބް އިނީޝިއޯ އެއްބަސްވުމަކަށް ވާތީ އެ ވަރުގެ ބޮޑު އަދަދެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ