ނޮޅިވަރަންފަރުގައި 60 ހައުސިން ޔުނިޓްގެ ބިންގާ ރައީސް އަޅުއްވައިދެއްވައިފި

ނޮޅިވަރަންފަރުގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 60 ހައުސިންގް ޔުނިޓްގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މިއަދު އަޅުއްވައި ދެއްވައިފި އެވެ.
ރައީސް އެ ރަށަށް މިއަދު ކުރެއްވި ދަތުރުފުޅުގައި މި 60 ހައުސިންގް ޔުނިޓްގެ ބިންގާ އަޅުއްވައި ދެއްވުމަށްފަހު، އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ނޮޅިވަރަންފަރަކީ އެއް ފަސްކުރުމުގެ ގޮތުން އެހެން ރަށްރަށުގެ އާބާދީ އެރަށަށް ބަދަލު ކުރެވޭ ރަށެއްކަން ފާހަގަކުރެއްވި އެވެ. އެގޮތުން މިހާރު ތިން ރަށެއްގެ އާބާދީ އެ ރަށަށް ގެނެވިފައިވާ ކަމަށާއި އޭގެތެރެއިން ގެދޮރު ނެތި ވަރަށް ނިކަމެތިކޮށް 52 އާއިލާއެއް އުޅެމުން ދާތާ ގިނަ ދުވަސްތަކެއް ވެފައި ވުމާއެކު އެ ބިންގާ އެޅުނު 60 ޔުނިޓްގެ ތެރެއިން އެންމެ ފުރަތަމަ ގެދޮރު ދޫކުރެވޭނީ މި 52 އާއިލާއަށް ކަމުގައި ރައީސް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ނޮޅިވަރަންފަރަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކުގެ މައްޗަށް ބައްލަވައިލައްވަމުން، އެރަށުގައި ހުރި މިސްކިތުގެ ދަތިކަން ފާހަގަ ކުރައްވައި އިރާދަކުރެއްވިއްޔާ މިއަހަރު އެރަށުގައި ސަރުކާރުގެ ހަރަދުގައި މިސްކިތެއް އިމާރާތް ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ. މީގެއިތުރުން ނަރުދަމާގެ ނިޒާމާއި ބަނދަރު ހެދުމުގެ މަސައްކަތް ރާއްވަވަމުން އެބަ ގެންދަވާ ކަމަށާއި މި މަޝްރޫއު ރޭވެމުންދަނީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކްގެ ލޯނެއްގެ ދަށުން ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި އެކަމާބެހޭ އެއްބަސްވުންތައް އެއްބަސްވެވި، އިރާދަކުރެއްވިއްޔާ ރަށުގެ ނަރުދަމާގެ މަސައްކަތާއި، ބަނދަރުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ނޮޅިވަރަންފަރަކީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން އާބާދު ކުރެވޭ ރަށަކަށް ވުމާ އެކު، އެހެން ރަށްރަށުން އެރަށަށް ބަދަލުވާ ރައްޔިތުންނާއި އަދި ނޮޅިވަރަންފަރުގެ ރައްޔިތުންނާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮންނަން ޖެހޭނެކަން ފާހަގަކުރައްވަމުން، އެކުވެރިކަމާއި އެއްބައިވަންތަކަމާ އެކީގައި، ރައްޔިތުން މަސައްކަތް ކުރައްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވި އެވެ. އަދި ރަށަކީ އެންމެންނަށް ވެސް ހިތްފަސޭހަ ރަށެއް ކަމަށް ހެއްދެވުމަށާއި، ސިޔާސީ އެކިއެކި ފިކުރުގެ ތަފާތު ހުރިކަމުގައި ވީ ނަމަވެސް، އެ ތަފާތުތަކަށްވުރެ ބޮޑަށް، ރަށުގެ ތަރައްގީއަށް ސަމާލުކަން ދެއްވައިގެން، ތަރައްގީގެ ކަންކަމުގައި ރައްޔިތުން އެކީގައި މަސައްކަތް ކޮށްދެއްވުމަށް ވެސް ރައީސް އެދިވަޑައިގެންނެވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ