އިރާއީ ކުޑަކުދިންގެ ހަވީރު ކުޑަފަރީގައި ކުރިއަށް ގެންގޮސްފި

(ނ ކުޑަފަރި) 1437 ވަނަ އަހަރުގެ ފިރުތު އީދު ފާހަގަ ކުރުމަށް ވަގުތުގެ ފަރާތުން ނ ކުޑަފަރީގައި ކުރިއަށް ގެންދާ "މޯލްޑިވްގޭސް އީދު ފޯރި"ގެ ހަރަކާތްތަކުގެ ތެރެއިން ކުޑަފަރީ ކުޑަކުދިންނަށް ޚާއްސަ ކޮށްގެން "އިރާއީ ކުޑަކުދިންގެ ހަވީރުގެ" ނަމުގައި ޚާއްސަ ހަވީރެއް ބާއްވައިފިއެވެ.
މިއަދު ހަވީރު 16:30 އިން 18:00 އަށް ކުޑަފަރި ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދިޔަ މި ކުޑަކުދިންގެ ހަވީރުގައި ރަށުގެ ގިނަ އަދަދެއްގެ ކުޑަކުދިން ވަނީ ބައިވެރިވެފައެވެ. އިރާއީ ކުޑަކުދިންގެ ހަވީރުގައި އެކި ކުޅިވަރުތަކަށް ޚާއްސަ ސްޓޯލްތައް ހުރިއިރު ކުޅިވަރުތަކުގައި ބައިވެރިވެ ކުދިންވަނީ ތަފާތު އިނާމުތައް ހޯދައިފައެވެ. ކުޑަކުދިންގެ ހަވީރުގައި ބައިވެރިވި ކުދިންގެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުން ފެނިގެން ދިޔައިރު، އެކުދިން ބުނީ "ކުޅިވަރުތައް ވަރަށް މަޖާ" ކަމަށާއި "ވަރަށް އުފާވާ" ކަމަށެވެ.
ކުޑަކުދިންނާއި އެކުދިންގެ އާއިލާ ކުޑަފަރި ފުޓްބޯޅަ ދަނޑުގައި ކުރިއަށް ދިޔަ ކުޑަކުދިންގެ ހަވީރުގެ ހަރަކާތްތަކުގައި ބައިވެރިވެފައިވާއިރު، މިހަވީރުގައި މޯލްޑިވް ގޭސްގެ ފަރާތުން ޚާޢްސަ ސްޓޯލްއެއް ބަހައްޓާފައިވެއެވެ. މި ސްޓޯލް އިން މޯލްޑިވް ގޭސްއިން ވިއްކާ ތަފާތު ސާމާނާއި ބެހޭ މައުލޫމާތު ރަށުގެ ރައްޔިތުންނާއި ހިއްސާ ކޮށްފައިވާއިރު، އީދުފޯރިގެ ތެރެއިން ބައްލަވައިގަންނަވާ އުފެއްދުންތަކަށް 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެކަމަށް މޯލްޑިވް ގޭސް އިން ބުނެއެވެ.
މި ސްޓޯލްގައި އެމްއެންޑީއެފްގެ ފަރާތުން ވަނީ ގޭތެރޭގައި ދިމާވެދާނެ އަލިފާނުގެ ހާދިސާ އަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭ މައުލޫމާތުވެސް ހިއްސާ ކޮށްފައެވެ.
ކުޑަފަރި ސްކޫލުގެ މުދައްރިސުންގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކުރިއަށް ގެންދިޔަ ކުޑަކުދިންގެ ހަވީރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔައިރު، މިރޭ ރަށުގެ ބަނދަރު ސަރަހައްދުގައި ކޯޑި ނެގުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ